އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ދެކުނު ސަރަހައްދީ އިމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ ގަރާރުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއިކުރެއްވުމާއިއެކު، އެކަމަށް ގޮންޖަހާނެ ކަމަށް އިދިކޮޅު ޑިމޮކްރަޓުންނާއި ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވައުދުވެއްޖެއެވެ.

ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އިދިކޮޅު ޑިމޮކްރަޓުން ބުނަމުންދަނީ، ކޮންގްރެސްގެ ހުއްދަ ނެތި، އިން ވަކިކުރާ ފާރު ބިނާ ކުރުމަށް ބޭނުންވާ ފަންޑު ހަމަޖެއްސުމަށްޓަކައި ޓްރަމްޕް ކުއްލި ހާލަތު އިއުލާން ކުރައްވާފައި އެވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.

ކުއްލި ހާލަތު އިއުލާން ކުރުމާއިއެކު، ކޮންގްރެސްގެ ހުއްދައަކާއި ނުލާ، ދިފާއީ ވުޒާރާގެ ބަޖެޓުން ފާރު ބިނާކުރުމުގެ ފުރުސަތު ޓްރަމްޕަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެމްބަރުން ވަނީ، ގައުމީ ކުއްލި ހާލަތު އިއުލާން ކުރެއްވި މައްސަލައިގެ ތަހުގީގެއް މިހާރުން މިހާރަށް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެނީ މިކަމަކީ، އޭގައި ގާނޫނީ އަދި ސަރުއީ މައްސަލަތަކެއްވެސް އެކުލެވޭ ކަމަކަށް ވާތީ ކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ބިނާ ކުރުމަކީ ޓްރަމްޕްގެ ރިޔާސީ ކެމްޕެއިން ވައުދުފުޅަކަށްވާއިރު، އެ ފާރު ބިނާ ކުރުމުގެ މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އަޅަމުންދަނީ ގާނޫނު ހަދާ މަޖިލީހުގައި ބޮޑު ކޮންޓްރޯލެއް އޮންނަ އިދިކޮޅު ޑިމޮކްރަޓިކް މެމްބަރުންނެވެ. މި ފާރު ބިނާ ކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސާދިނުމަށް މަޖިލީހުން އިންކާރުކުރާއިރު، އެ ބަޖެޓާއި ނުލާ ދައުލަތުގެ ބަޖެޓް ފާސްކުރެއްވުމަށް ޓްރަމްޕް އިންކާރު ކުރެއްވުމުން 35 ދުވަހުގެ މުއްދަތަށް އެމެރިކާގެ ސަރުވެސް ހުއްޓުމަކަށް އައެވެ. ވަގުތީ ގޮތުން 3 ހަފުތާގެ މުއްދަތަށް ސަރުކާރު ހިންގަން ފަށާ، ހުކުރު ދުވަހުގެ ނިޔަލަށް އެ މުއްދަތު ހަމަވިއިރު، މަޖިލީހުން އެކުލަވާލި ވަގުތީ ހައްލުގައި ސޮއިކުރެއްވުމަށް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވިއެވެ.

ކަންމިހެންއޮތްއިރު، ގައުމީ ކުއްލި ހާލަތު އިއުލާން ކުރައްވަން ޓްރަމްޕް ތަސްދީގު ކުރެއްވި ނިންމެވުމަށް ގޮންޖެއްސެވުމަށް ކުރެވެން އޮތްހާ ކަމެއް ކުރައްވާނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އިސް ލީޑަރުންވެސް ވަނީ ވިދާޅުވެފައެވެ.