އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ޑޮލަރުގެ ބޮޑު ހިޔާނާތައި ގުޅިގެން ރައްޔިތުންގެ މަޖިލިސް މެންބަރުން ޒިންމާ އަދާކޮށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ބޭރުކުރުމަށް ގޮވާލައި މުޒާހަރާކޮށްފިއެވެ.

ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ އިސްކޮށް ހުންނަވައިގެން ކުރި މުޒާހަރާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ކާނިވާ ސަރަހައްދުން ފެށި މި މުޒާހަރާގައި، މަރު ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި މުޒާހަރާ ނިންމާލާފައިވަނީ މަޖީދީ މަގު ލެކިއުޓް ކައިރިއަށެވެ.

މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަައީ އޭސީސީގެ މެންބަރުން ބޭރުކުރުމަށާއި، އެ މެންބަރުންގެ މައްސަލަތައް ބެލުމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އޭސީސީގެ މެންބަރުންނާއި، އެ މެންބަރުންގެ އާއިލާގެ މަސްލަހަތު ހިމެނޭ ކަމަަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

"އޭސީނީން ނެރުނު ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަމަށާއި، އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި މީހުން ތައްޔާރުކުރި ރިޕޯޓެއް ކަމަށް" މުޒާހަރާގެ ބައިވެރިިން ދިޔައީ ގޮވަމުންނެވެ.

އޭސީސީން އިއްޔެ އާންމު ކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓުގައި ވާގޮތުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ގޮތުގައި ހިމެނޭ 57 ތަން ކުއްޔަށް ދީގެންނާއި ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް އެމްއެމްޕީއާރުސީން އޮފާ ލެޓާ ދޫކޮށްފައިވާ ތަންތަނުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެން ޖެހޭ 77 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.