އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ޓިކެޓް ދީފައިވާ ބައެއް ކެންޑިޑޭޓުންގެ އަތުން ޓިކެޓް އަތުލުމަށްފަހު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ޕީޕީއެމުން ތާއިދުކުރަން ނިންމައިފިއެވެ.

"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި މިގޮތަށް ޕީޕީއެމުން ނިންމާފައިވަނީ، ޖުމްހޫރީ ޕާޓީއާއެކު ދާދިފަހުން ބޭއްވި ބައްދަލުވުމަށްފަހު ދެ ޕާޓީން އެގޮތަށް އެއްބަސްވެގެންނެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން މިކަމާއި ގުޅިގެން ބައްދަލުކުރެއްވިކަން މިޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ދަޕްރެސް" އަށް މައުލޫމާތު ދިން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ބުނީ، ޕީޕީއެމުން ދިން ޓިކެޓް އަތުލަައި އަމިއްލަ އަށް ވާދަކުރަން ބޭނުން ނަމަ އެ ފުރުސަތު އޮތްކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމުން ޓިކެޓް ދިނުމަށްފަހު ޓިކެޓް އަތުލި ކެންޑިޑޭޓުން ކައިރީގައި ޖޭޕީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ބުނެފައިވާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. ޕީޕީއެމުން ދިން ޓިކެޓް އަތުލުމަށްފަހު ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް އެންގި ދާއިރާތަކުގެ ތެރޭގައި ވިލިނގިލި ދާއިރާ އަދި މަތިވެރި ދާއިރާ ހިމެނެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުން ޖޭޕީން އެދިފައިވަނީ 25 ދާއިރާއަކަށް ޕީޕީއެމުން ވާދަނުކޮށް ޖޭޕީއަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް މިހާތަނަށް ދެ ޕާޓީން ވެސް އަންނަނީ މިކަން ދޮގުކުރަމުންނެވެ.