ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބަދަލުތައް ގެނެސް އަލުން ގެޒެޓްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިން ގެޒެޓްގައި ޝާއިއުކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް މިހާރު ގެޒެޓްކޮށްފައިވާ ކަމަށެވެ.
އަދި މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައާއި ކޮމިޝަނުގެ ވެބްސައިޓްގައި އަދި، މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން އާންމުކޮށް ފެންނަން ހުންނާނެކަމަށް އީސީން ބުނެއެވެ.
އިސީން ބުނީ މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
މީގެ އިތުރުން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށް އީސީން ބުނެއެވެ. އަދި މާލޭގައިނަމަ، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ އިދާރާއިން ކަމަށެވެ. އަދި ޝަކުވާ ފޯމް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށް ވެސް އީސީން ބުނެއެވެ.