ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު ތުން ޑރ. މަހާތިރު ބިން މުހައްމަދު ރާއްޖެވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަހާތީރުގެ ދައުވަތަކަށް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައީސް ދެއްވި ދައުވަތުގެ ސިޓީފުޅު ގަބޫލުކުރައްވައެވެ.

މަހާތިރު ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް އަދި ހާމައެއް ނުކުރައްވައެވެ. ނަމަވެސް މަހާތިރުގެ މި ދަތުރުފުޅުގައި ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލައާއި ގުޅޭގޮތުންނާއި، އެކި ގޮތްގޮތުން ދެގައުމުން ގުޅިގެން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ.

ވިސާގެ މައްސަލައިގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ހޯއްދަވައި ދިނުމަށް ރައީސް ސޯލިހު މިހާރުވެސް ވަނީ މަހާތީރުގެ އަރިހުގައި އެދިވަޑައިގެންފައެވެ.