ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މެލޭޝިއާގެ ބޮޑުވަރީޒު ތުން ޑރ. މަހާތީރު ބިން މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި، މަހާތީރާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މަހާތިރާ ބައްދަލުރައްވާ މައުމޫން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ ސިޓީފުޅެއް މަހާތީރަށް އަރުއްވާފައެވެ. ރައީސް ސޯލިހުގެ ފަރާތްޕުޅުން ޓުން ޑރ. މަހާތީރަށް ފޮނުއްވި ސިޓީފުޅަކީ ރާއްޖެ ވަޑައިގަތުމަށް އެދި ފޮނުއްވި ސިޓީ ފުޅެކެވެ.

މިބައްދަލުވުމުގައި، ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން، ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ ރައީސް މައުމޫން، ތުން ޑރ. މަހާތީރާއި ހިއްސާކުރެއްވިއެވެ. އަދި އެކަމުގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫން، ތުން ޑރ. މަހާތީރް އަރިހުގައި ދެންނެވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަލިއަޅުވާލާ، ދެ ގައުމަށް ދިމާވެފައި މިވަނީ ވަރަށްވެސް އެއްގޮތް ކަންތައްތަކެއް ކަމަށް ތުން ޑރ. މަހާތީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމާއި އިސްލާހީ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދާކަން ރައީސް މައުމޫން، މަހާތީރާއި ހިއްސާކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުމާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސް މައުމޫން މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް، މަހާތީރާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް މައުމޫން އެމަނިކުފާނަށް ވަރަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.

ރައީސް މައުމޫން މެލޭޝިޔާއަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މިދަތުރުފުޅުގައި ރައީސް މައުމޫންގެ އަރިހުގައި އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ ކަމާލުއްދީނާއި އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވިއެވެ.