މިހާތަނަށް ރާއްޖޭގައި ހިންގި ހިޔާނާތުގެ އެއްމެ ބޮޑު މައްސަލަ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ލިބުނު ބައެއް ފަރާތްތަކުގެ ނަންތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓުގައި ނެތް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ނިޔާޒު ވިދާޅުވީ އެސްއޯއެފް މެދުވެރިކޮށް ފައިސާ ލިބުނު ފަރާތްތަކުގެ އިތުރުން އަދީބު އަތުން ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ މައުލޫމާތު [އޭސީސީ ރިޕޯޓުގައި ހާމަކޮށްފައި ނުވާ] އޭސީސީއާ ހިއްސާ ކުރެވިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ނަން އޭސީސީ އިން ހާމަ ނުކުރީ ކީއްވެގެން ކަމާމެދު ނިޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

"އޭސީސީއަށް އިނގޭ އެކަމަކު އެ ނަންތަކެއް ނެތީ ކީއްވެ ކަމެއް ނޭނގޭ. ނަމަވެސް ޔަގީންވާ ކަމަކީ އޭސީސީގެ ބައެއް މެންބަރުންނާ އާއިލީ ގުޅުން އޮތް ފަރާތްތަައްވެސް މީގެ ތެރޭގައި ހިމެނޭކަން" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭސީސީގެ ރިޕޯޓުން ހާމަކޮށްފައިވާ، އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކަށް ފޮނުވި ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބައިކުޅަ ބައި ކަމަށެވެ.

"އެމްއެންޕީއާރުސީއަށް ލިބުނު ފައިސާގެ އިތުރުން އެތައް މިލިއަން ޑޮލަރެއް އަދީބުގެ އަމިއްލަ އެކައުންޓްތަކަށާއި، އޭނާގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ވަދެފައިވޭ. އަދި މީގެ ތެރެއިން ބައެއް ފައިސާ ސަރުކާރުގެ އިސް ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިފައިވޭ" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު ބައެއް ފަރާތްތައް އަދިވެސް ދައުލަތުގެ މަގާމްތަކުގައި ތިބި އިރު، އަދީބު އަތުން ފައިސާ ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މި އަހަރު އޮންނަ ރައޔްިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާކަމަށެވެ.

އިއްޔެ އާންމުކުރި އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ބުނާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ގޮތުގައި ހިމެނޭ 57 ތަން ކުއްޔަށް ދީގެންނާއި ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް އެމްއެމްޕީއާރުސީން އޮފާ ލެޓާ ދޫކޮށްފައިވާ ތަންތަނުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެން ޖެހޭ 77 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ލިބުނީ 12.5 އެމެރިކާ ޑޮލަރެވެ.

އަދި އެމްއެމްޕީއާރުސީއަށް ވަދެފައިވާ 12.5 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ފަސް މިލިއަނަށްވުރެ ގިނަ ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަން ހާމަވެއެވެ. އަދި މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 59.4 މިލިއަން އެމެރިކާ ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓަކަށް ޖަމާނުކޮށް ސީދާ މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

މީގެ އިތުރުން 12.5 މިލިއަން ގެ ތެރެއިން 1.5 މިލިއަން ޑޮލަރު މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވެސް ވެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ މިހާރު ސަރުކާރުގައި ތިބި ބައެއް ފަރާތްތަކާއި މަޖިލިސް މެންބަރުންނަށް ލިބިފައިވާކަން ވެސް މި ރިޕޯޓުން ހާމަވެއެވެ.