ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މި ފެބްރުއަރީ މަހުގެ 12 އިން 14 އަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރުގެ މި ދަތުރުގައި ސައުދީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން، ސައުދީގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލްއައްސަފްއާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސައުދީއާއި ދެމެދު އޮންނަ ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ދެ މިނިސްޓަރުންވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ދިވެހިންނަށް ސައުދީ އެތެރެވުމަށް ވިސާ ހޯދުމުގައި، އަދި ވަކިން ހާއްސަކޮށް ހައްޖާއި އުމްރާ ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދުމާއި ބެހޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މީގެ އިތުރުން މާލޭގައި އިމާރާތްކުރެވެމުންދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމާއި ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރ އަލްއައްސަފް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ސައޫދީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ދެންނެވިއެވެ.

މި ދަތުރުގައި، ސައުދީގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓް ޑރ. މާޖިދް ބިން އަބްދުﷲ އަލް ގަސަބީ އާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. ސައުދީއާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.

އަދި ސައުދީން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ސްކޮލާޝިޕްތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ބޭނުން ހިފުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނާއި ސައުދީ ވިޔަފާރިވެރިންގެ މަހާސިންތާއެއް ރިޔާޒްގައި ބޭއްވުމާ ގުޅޭގޮތުންވެސް ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ސައުދީގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓާޒް ގެ އެޑްވައިޒަރު އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗެއާމަން، އަހުމަދް ބިން އަގީލް އަލް ހަތީބްއާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެެއްވުމުގައި ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ޗެއަރމަން އަލް ހަތީބް އާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ހިއްސާ ކުރެއްވިއެވެ.

އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވިދާނެ ބައެއް ކަންކަމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މަސްވެރިކަމާއި ހައުސިންއާއި ގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދިޔުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަސްވަމުންދާތީ، އެކަމާއި ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަފުޅުދައްކަވާ، އެމަސައްކަތް އަވަސްކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އިތުރު މަޝްވަރާތައް ކުރެއްވުމަށް އެފަންޑުގެ އިސް ބޭފުޅުންގެ ޓީމެއް އަންނަ ހަފްތާގެ ބުދަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހިޒް އެކްސެލެންސީ ހަމަދް ބިން ސުލައިމާން އަލް ބަޒައި އާއި ވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، މިވަގުތުު ހިނގަމުންދާ ބައެއް މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫއުތަކާއި މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ފުރާވަޑައިގެންނެވުމުގެ ކުރިން މައްކާގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ހައްޖާއި އުމްރާގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ ސަރުކާރުން އިސްލާމީ އުއްމަތަށްޓަކައި ކުރައްވަމުންގެންދަވާ ބުރަ މަސައްކަތައް ސައުދީގެ އިސްވެރިންނާއި ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ހައްޖާއި އުމްރާއަށް ދަތުރުކުރައްވާ ބޭފުޅުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުންނާއި އިންތިޒާމްތައް އިތުރަށް ފުރިހަމަކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކަށްފަހު ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮންނަ ގާތް އަހުވަންތަ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަގީކަން ލިބިވަޑައިގެންފައިވާކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.