އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ތަހުގީގީ ރިޕޯޓުގައި ބުނެފައިވާ ވިލާޓްރެވަލްސް އަށް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ޖަމާކުރި 700,000 އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ އެ ކުންފުންޏަށް ބަރާބަރަށް ދީފައިވާނެކަމަށް ވިލާ ޓްރެވަލްސްއިން ބުނެފިއެވެ.

ވިލާ ޓްރަވެލްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

ވިލާޓްރެވަލްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވައިނީ އޭސީސީން މިއަދު އާންމު ކޮށްފައިވާ އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯރޓުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން 700,000 އެމެރިކާ ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބަޔާން ކޮށްފައިވާތީ އެކަމާއި ގުޅޮގެން ތާފަތު ގޮތްގޮތަކަށް މީޑިއާތަކުގައު ރިޕޯޓްކުރަމުންދާ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވަނީ އެ ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެއާލައިން ތަކުގެ ޓިކެޓް ވިއްކުމުގެ ހިދުމަތާއި މަނީ ޓްރާންސްފާގެ ހިދުމަތްދޭ އެޖެންޓެއް ކަމަށެވެ. އަދި ޓިކެޓް ގަންނަ ފަރާތްތަކަށް ދިވެހި ރުފިޔާ އިން ޓިކެޓް ވިއްކި ކަމުގައި ވިޔަސް، އެއާލައިންތަކަށާއި ބޭރުގެ ފަރާތްތަކަށް ފައިސާ ދައްކަންޖެހެނީ އެމެރިކާ ޑޮލަރުން ކަމުން، މި އިންޑަސްޓްރީގެ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ކުންފުނީގެ ބޭނުމަށް ބޭރު ފައިސާ ލިބުމުގެ ދަތިކަމަކީ މި ކުންފުންޏަށްވެސް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

އަދި ކުންފުނީގެ ވިޔަފާރީގެ ބޭނުމަށް ރާއްޖޭގެ ބާޒާރުން ޑޮލަރު ގަތުމަކީ އެ ކުންފުނިން އަބަދުވެސް ކުރާ ކަމެއް ކަމަށާއި، އެ ކުންފުންޏަކީ، ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ ޗޭންޖާ ލައިސަންސް އޮތް ފަރާތެއް ކަމަށެވެ.

"މިގޮތުން ކުރެވުނު މުއާމަލާތްތަކުގެ ތެރޭގައި 2014 އަދި 2015 ވަނަ އަހަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 700,000 އެމެރިކާ ޑޮލަރު ގަނެ، އެ ޑޮލަރަށްވާ ދިވެހި ފައިސާ އެ ކުންފުންޏަށް ބަރާބަރަށް ދީފައިވާނެ" ވިލާ ޓްރެވަލްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެކުންފުނިން ބުނެފައިވަނީ މި މުއާމަލާތާއި ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނާއި ދައުލަތުގެ އެހެން އިދާރާއަކުންވެސް މިއަދާއި ހަމަޔަށް އެ ކުންފުންޏާއި ސުވާލުކޮށްފައެއް ނުވާކަމަށެވެ.