އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ އެސްއޯއެފް ކުންފުންޏާ އެކު ކުރައްވާފައިވާ ފައިސާގެ މުއާމަލާތާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަންގަވައިފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިއަދު އާންމު ކުރި އިރު، މަހުލޫފާއި އަކްރަމްގެ އެކައުންޓަށް ވެސް ފައިސާ ވަދެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ. މި ދެބޭފުޅުން ކުރެ ކޮންމެ ބޭފުޅެއްގެ އެކައުންޓަށް 30000 ހާސް ޑޮލަރު ވަނީ ވެފައެވެ.
އެނގިފައިވާ ގޮތުގައި، މަހްލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް އެންގެވީ މައްސަލަ ތަހުގީގުކޮށް ނިމެންދެނެވެ.
މަހްލޫފު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ އެކައުންޓަށް ވަން ފައިސާގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭގައި މަޑުކުރައްވަން ރައީސް އަންގަވައިފި ކަމަށެވެ. މަހްލޫފް ވިދާޅުވީ ރައީސްގެ އެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. މިއަދު އާންމު ކުރި އޭސީސީގެ ރިޕޯޓާ ގުޅިގެން މަހުލޫފު ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ. އެބަޔާނުގައި އޭނާ ފާހަގަ ކުރައްވަފައިވަނީ އެފައިސާ އަކީ އޭނާގެ އާއިލާގެ ވިޔަފާރިއެއް ކަމުގައިވާ 'ދަ ޖީންސް' އަށް ބޭނުންވި ޑޮލަރު ގަތުމަށް ހިންގާފައިވާ މުއާމަލާތެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ކުރައްވާފައިވާ އޮތް ވައްކަމެއް ނޫންކަމަށެވެ.
ރައީސް ސޯލިހު މިއަދު ގޭގައި މަޑުކުރައްވަން އަކްރަމް ކަމާލުއްދީނަށް އެންގެވި އިރު އޭނާގެ އެކައުންޓަށް ވަދެފައިވާ ފައިސާއާ ގުޅޭގޮތުން އޭނާ ބަޔާނެއް ނެރުއްވާފައިވާކަމެއް އަދި އެނގިފައި ނުވެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތަކީ މިފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގާފައި އޮތް ފައިސާގެ އެންމެ ބޮޑު ހިޔާނަތުގެ މައްސަލައެވެ.