މިހާތަނަށް ރާއްޖޭގައި ހިންގި ހިޔާނާތުގެ އެންމެ ބޮޑު މައްސަލަ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެން ވައްކަމެއް ނުކުރައްވާ ކަމަށާއި، އެ މައްސަލަ ބަލާފަރާތްތަކުން ބެލުމަށްފަހު ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އޭސީސީން މިއަދު އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ވާގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން އެ ރިޕޯޓުން އެނގެއެވެ.

މިކަމާއި ގުޅިގެން މަހުލޫފް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާ 155 އެކައުންޓުގެ ތެރޭގައި އޭނާގެ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކައުންޓް ހިމެނިފައިވާކަމުގެ މައުލޫމާތު ދާދި ފަހުން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެކަން އެނގިވަޑައިގެންނެވި ހިސާބުން ތަފްސީލުތަކާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.

އަދި އެ މުއާމަލާތް ހިންގަވާފައިވަނީ އޮގަސްޓް 31، 2014 ގައި ކަމުން އެކަމާ ދޭތެރޭގައި ކުޑަވެސް ފަރުވާލެއް ބެހެއްޓެވިފައި ނުވާ ކަމަށާއި، އެ މުއާމަލާތަކީ އޭނާގެ އާއިލާއިން "ދަ ޖީންސް" ގެ ނަމުގައި ފިހާރައެއް ހިންގި އިރު، އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮ އަލީ މުބީން މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ ދަ ޖީންސް ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތި އަޅުގަނޑުގެ ޑޮލަރު އެކައުންޓެއް އޮތުމުން" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވަނީ މި ވިޔަފާރީގެ މުއާމަލާތް ހިންގެވި ފައިސާގެ ރަސީދާއި، އޭސީސީއަށް އޭނާ ފޮނުއްވި ސިޓީ އަދި އޭސީސީން ދިން ޖަވާބު ވެސް އާންމުކުރައްވާފައެވެ.

މަހުލޫފް ވިދާޅުވީ ދެ އަހަރު ވާންދެން އޭސީސީން އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށް ގެންދިޔައިރު، އެކަމާއި އޭނާއާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ އޭނާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކޮރަޕްޝަނާއި ދެކޮޅަށް ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ފާޅުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، މިވަގުތު އަދާކުރައްވަމުން ގެންދަވާ ވަޒީފާގެ ގޮތުން ވެސް މިކަން އެނގިވަޑައިގެންނެވި ހިސާބުން ކަންބޮޑުވެވަޑައިގެންފައި ހުންނެވި ކަމަށެވެ.

މީގެ އިތުރުން އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުން" ގެ ގޮތުގައި މުޖްތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުން ގެންދާއިރު، މީގެ ތެރޭގައި ހިމެނޭ ސައްހަ މުއާމަލާތްތައް ކޮށްފައިވާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭނެގޮތް ކަށަވަރު ކޮށްދިނުމުގެ ގޮތުން އޭސީސީން ވީހާވެސް ބޮޑަށް އެކަން ސާފުކޮށްދިނުމަށް މަހުލޫފުވަނީ އެދިވަޑައިގެންފައެވެ.

އަދި އޭނާ ހުށަހަޅުއްވާފައިވާ މައްސަލަ ވީހާވެސް އަވަހަށް އޭސީސީން ނިންމާ، ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރުމަށްފަހު އެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ވެސް މަހުލޫފް ވަނީ އެދިވަޑައިގެންފައެވެ.