އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ގޮތުގައި ހިމެނޭ 57 ތަން ކުއްޔަށް ދީގެންނާއި ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް އެމްއެމްޕީއާރުސީން އޮފާ ލެޓާ ދޫކޮށްފައިވާ ތަންތަނުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެން ޖެހޭ 7.7 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ލިބުނީ 12.5 އެމެރިކާ ޑޮލަރުކަން ހާމަވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓުގައި ވާގޮތުން، އެމްއެމްޕީއާރުސީއަށް ވަދެފައިވާ 12.5 މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ފަސް މިލިއަނަށްވުރެ ގިނަ ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 59.4 މިލިއަން އެމެރިކާ ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓަކަށް ޖަމާނުކޮށް ސީދާ މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ. މީގެ އިތުރުން 12.5 މިލިއަން ގެ ތެރެއިން 1.5 މިލިއަން ޑޮލަރު މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވެސް ވެއެވެ.
އަދި، މީގެ އިތުރުން ޅ. މާބިންހުރާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ކުރެއްދޫ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްއިން ދައްކާފައިވާ ފަސް މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓަކަށް ޖަމާނުކޮށް ސީދާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.
އެހެންކަމުން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖުމުލަ 6.5 މިލިއަން ޑޮަލަރު ޖަމާކޮށްފައިވާ ކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި ރިޕޯޓުގައި ބުނެފައިވަނީ އެސްއޯއެފްގެ އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާގެ އިތުރުންވެސް އެމްއެމްޕީއާރސީގެ ފައިސާ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އަދި ބޭންކް އޮފް ސިލޯންގައި އެސްއޯއެފުން ހުޅުވާފައިވާ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތުގެ ގޮތުގައި ދިވެހި ރުފިޔާއިން ނަގާފައިވާ ފައިސާގެ ތެރެއިން މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާ 38.3 މިލިއަން ރުފިޔާގެ މައްސަލައާއި ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑްއަށް ދީފައިވާ 38.3 ރުފިޔާގެ މައްސަލަ އޭސީސީން މީގެ ކުރިން ބަލާ ނިންމައި ދައުވާ ކުރަންޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރުމަށް ފޮނުވާފައި ވާކަމަށް ބުނެފައިވެއެވެ.