ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރަން މަޖިލިސް މެންބަރުންނަށް 10 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.
އޭސީސީގެ ތަހުގީގަށް މއ. ޝޭޑީކެބިން އަބްދުﷲ ރާފިއު ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އެއް ދުވަހެއްގެ ރޭގަނޑު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގުޅުއްވައި އަނެއް ދުވަހުގެ ހެނދުނު ނުވައެއް ޖެހުމުގެ ކުރިން 10 މިލިއަން ރުފިޔާ ހޯދައިދޭން އެދުނު ކަމަށެވެ.
އަދި އޭނާ އެ ފައިސާ ރެޑީ ކުރުމަށް ފަހު އަދީބުއާ ގުޅުމުން އެ ފައިސާ ފޮށްޓަކަށް އަޅައި ފެންޓަސީ ކުރިމަތީގައި ހުރި ގެއެއްގެ ހަތް ވަނަ ފަންގިފިލާގައި ހުރި އޮފީހެއްގައި ހުރި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި ހަވާލުކުރުމަށް ރާފިއު ގާތުގައި ވިދާޅުވުމުން ރާފިއު އެގޮތަށް އެ ފައިސާ އެ ދުވަހު 9 ގެ ކުރިން ހަވާލުކޮށްފައި ވާނެކަމަށް ބުނެފައި ވެއެވެ.
އަދި، އެފަރާތުން އެދުވަހު ވަގުތުން ޗެކު ދީފައި ވާކަމަށާއި އެ ޗެކް ރާފިއު ޖަމާކޮށްފައި ވާނީ އޭނާގެ ޕާސަނަލް އެކައުންޓަށް ކަމަށާއި އެ ފައިސާ ރާފިއު ނަގާފައި ވާނީވެސް އޭނާގެ ޕާސަނަލް އެކައުންޓުން ކަމަށާއި އެ ފައިސާއަކީ ކީއްކުރަން ނެގި ފައިސާއެއް ކަމެއް އެވަގުތަކު ނޭނގޭކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ.
ނަމަވެސް އޭގެ ފަހުން އެދުވަހަކީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ "ނޯ ކޮންފިޑެންސް" ވޯޓު ނަގަން އޮތް ދުވަސްކަން ރާފިއުއަށް އެނގުނު ކަމަށާއި އަދި 9 ގެ ކުރިން ފައިސާ ހަވާލު ކުރުމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ކުރާ ކަމެއް ކުރުމުގެ ގޮތުން ކަމަށާއި ނަމަވެސް، އެ ފައިސާ ދީފައި ވަނީ ކޮން ބަޔަކަށް ކަމެއް ރާފިއު އަށް ނޭނގޭ ކަމަށް ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރަން މަޖިލީހުން ފާސްކުރީ 14 ޑިސެމްބަރު 2014 ވަނަ ދުވަހުއެވެ. އެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ 53 މެމްބަރުންގެ ވޯޓާއެކުއެވެ.