ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އިން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދެނޭނެ ގޮތް ހަމަޖައްސާ، އެ ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތުގައި، ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖޭގައި ތިބެގެން ހިލޭ ޑިގްރީއަށް ކިޔެވޭނީ ސަރުކާރުގެ ދެ ޔުނިވާސީޓީ ކަމަށްވާ ގައުމީ ޔުނިވާސީޓީ އާއި އިސްލާމިކް ޔުނިވާސިޓީން ކަމަށާއި އަމިއްލަ ކޮލެޖުތަކުގައި ފުރަތަމަ ޑިގްރީ ހާސިލުކުރާ ދަރިވަރުންގެ ކޯސް ފީގެ ބޮޑުބައި ސަރުކާރުން ދައްކައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް އެ އުސޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، މަތީ ތައުލީމް ހާސިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކްލީފެއް ނެތި، ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

އެ ރަސްމިއްޔާތުގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ ތައުލީމީ ހަޔާތަށް ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނަ ދުވަހެެއް ކަމަށާއި މިއަދަކީ ރައީސްގެ ރިޔާސީ ދައުރުގައި ރަން އަކުރުން ފަވާލެވޭނެ އެއް ދުވަސް ކަމަށެވެ. އަދި ރާއްޖޭގައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި މިކަމުގައި، މަތީ ތައުލީމް ފޯރުކޮށްދޭ ހުރިހާ ފަރާތެއްގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.