ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެމަނިކުފާނުގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓް ހުޅުވީ އެއްމިލިއަން ޑޮލަރު ޖަމާކުރުމުގެ އެއް ދުވަސް ކުރިން ކަމަށް އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފައިސާ އަމިއްލަ ފަރާތްތަކަށް ޖަމާކޮށްފައިވާއިރު، އޭގެ ތެރޭގައި ޔާމީން ވެސް ހިމެނެއެވެ. މި ރިޕޯޓުގައި ވަނީ މއ. ކާމިނީ ހުޅަނގު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ ދެ ފަހަރެއްގެ މަތިން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާގައި ނުޖެހޭކަމަށް ޔާމީން މީގެ ކުރިން ވިދާޅުވި ނަމަވެސް، މި ރިޕޯޓުގައިވާ މައުލޫމާތުތަކުން، އެމަނިކުފާނު ހެއްދެވީ އިތުރުފުޅުކަން ހާމަވެއެވެ.

މި ރިޕޯޓުގައި ވާގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން ޖަމާކޮށްފައިވާ ފައިސާއާގުޅިގެން ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތުގެ މައްޗަށް ވަކި ތަހުގީގީ ރިޕޯޓެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

މި ރިޕޯޓުގައި ބުނެފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 500،000 އެމެރިކާ ޑޮލަރު އޮކްޓޯބަރު 13، 2015 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ މަހުގެ 15 ގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އިތުރު 500،000 އެމެރިކާ ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން އިސްވެ ދެންނެވުނު މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އަބްދުالله ޔާމިން އަބްދުލްގައްޔޫމްގެ އެކައުންޓަށް އެއްމިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޖަމާކޮށްފައިވެއެވެ. މިފައިސާ ޖަމާކުރަން ގޮސްފައިވަނީ އަހުމަދު އިޝްފާހު އަލީ" ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުން ފޮނުވާފައިވާ (ލިބުނުކަމަށް ބުނާ) ބޭންކް ސްޓޭޓްމެންޓްގައި ސްޓޭޓްމެންޓް ނަގާފައިވަނީ އޮގަސްޓް 11، 2013 އިން ފެށިގެން ފެބްރުއަރީ 17، 2016 އަށް ކަމަށާއި، އެ ސްޓޭޓްމަންޓަކީ އެ ޕީރިއަޑްގެ ސްޓޭޓްމެންޓެއް ކަމުގައިވާނަމަ ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓު ހުޅުވާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިންކަން ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ.

އަދި އެކައުންޓް ހުޅުވުމަށް އޮކްޓޯބަރު 7، 2015 ގައި ޖަމާކޮށްފައިވާ 250 އެމެރިކާ ޑޮލަރު ފިޔަވާ އެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން ޖަމާކޮށްފައިވާ އެއްމިލިއަން އެމެރިކާ ޑޮލަރު އެކަނިކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.