ގައުމެއްގެ މުސްތަގުބަލު ބިނާވެގެންވަނީ އެޤައުމެއްގެ އާންމު ފަރުދުންނަށް ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރާއި އާންމު ސިއްހީ ހާލަތުގެ މައްޗަށްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭ 2016-2017" ގެ ހޯދުންތައް އާންމުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ސިއްހީ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށާއި، އެއީ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އިތުރުން އަމިއްލަ މުއައްސަސާތަކާއި، ޖަމިއްޔާތަކުގެ އިތުރުން އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމެއް ކަމުގައެވެ.
މީގެ އިތުރުން ދުޅަހެޔޮ ސިއްހަތެއް ހޯދުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގައި ކޮންމެ ފަރުދެއްވެސް އުފުލަންޖެހޭ އަމިއްލަ ޒިންމާތަކެއް ވާކަމަށާއި، އެގޮތުން ސިއްހަތަށް ފައިދާހުރި ގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބަލިތަކުން ރައްކާތެރިވުމަށްދޭ ސަމާލުކަން އިތުރުކޮށް، ސިއްހީ ނުރަނގަޅު އާދަތަކުން ދުރުހެލިވެ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ކަސްރަތުކުރުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހޭކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
މިއަދު އާންމުކުރި "މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭ 2016-2017"ގެ މައްޗަށް ބައްލަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ މި ދިރާސާއަކީ އާބާދީއާއި ސިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި ސިއްހީ ހާލަތާއި ހިދުމަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ކުރެވިފައިވާ ވަރަށް މުހިންމު ދިރާސާއެއްކަމުގައެވެ. އަދި މުސްތަގުބަލުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ބައްޓަންކުރުމަށް މި ދިރާސާގެ ހޯދުންތައް ބޭނުންކުރެވިގެންދާނެކަމުގައެވެ.
"މި ދިރާސާއިން ދުންފަތުގެ އިސްތިއުމާލުކުރުންފަދަ ނޭދެވޭ އާދަތައް މުޖުތަމައުގައި ފެތުރިފައިވާ މިންވަރު ދައްކުވައިދޭ. މިފަދަ ނުރަނގަޅު އާދަތަކުން މުޖުތަމައު ސަލާމަތްކޮށް، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް މި ދިރާސާގެ ހޯދުންތަކުން ބާރުއަޅައިދޭނެ" ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށް، އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑު ހަރުދަނާކުރެވި ހާއްސަ ސިޔާސަތުތަކެއް ކަނޑައެޅި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަަމަށެވެ.
މީގެ އިތުުރުން ސިއްހަތު ކުރިއެރުވުމަށް ކުރެވެމުންދާ އެންމެހާ މަސައްކަތްތަކުން އާންމުންގެ ސިއްހަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.