ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ތަހުގީގީ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އާންމުކޮށްފިއެވެ.

އޭސީސީން އާންމުކުރި މި ރިޕޯޓުގައި މި ހިޔާނާތުގެ ތަފްސީލާއި، މި ހިޔާނާތުގައި ފައިސާ ލިބުނު މީހުންގެ ނަންތައް ވަނީ ހިމަނާފައެވެ.

މި ރިޕޯޓުގައި ބުނާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ. އަދި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށް ކަމަށާއި، އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އެސްއޯއެފްއަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާ އަމިއްލަ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ. އެގޮތުން 166 އެކައުންޓަކަށް ފައިސާ ވަދެފައިވާ އިރު، އެ ފަރާތްތަކުގެ ތަފްސީލް ވެސް ރިޕޯޓްގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހިމެނެ އެވެ.

ބޭންކު އޮފް މޯލްޑިވްސް، އެސްއޯއެފްގެ ޑޮލަރު އެކައުންޓުން ފައިސާ ފޮނުވި ބައެއް ފަރާތްތައް؛

  • މިލީނިއަމް ކެޕިޓަލް ޑިވަލަޕްމަންޓް – 6.1 މިލިއަން ޑޮލަރު
  • ސީޖީޓީ ޕްރައިވެޓް ލިމިޓެޑް – 4.6 މިލިއަން ޑޮލަރު
  • ޗަމްޕާ ބްރަދާސް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް – 3.5 މިލިއަން ޑޮލަރު
  • އެމްއެމްޕީއާރުސީ – 3 މިލިއަން ޑޮލަރު
  • އަމިން ކޮންސްޓްރަކްޝަން – 2 މިލިއަން ޑޮލަރު
  • ރެޑްވޭވް – 1.5 މިލިއަން ޑޮލަރު
  • ވިލާ ޓްރެވަލްސް އެންޑް ޓުއާޒް – 700،000 ޑޮލަރު
  • ރިޔާޒު ރަޝީދު – 424،255 ޑޮލަރު

މި ރިޕޯޓުގައިވާ ގޮތުން އެއް މިލިއަން ޑޮލަރަށްވުރެ ގިނައިން 12 ފަރާތަކަށް ވަނީ ޑޮލަރު ޖަމާކޮށްދީފައެވެ.