އަދާލަތު ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރާ ކޮންމެ ގޮނޑިއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ލިބޭ ވަރުގަދަ ބާރެއް ކަމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ އަދާލަތުން ވަނީ އެ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކުރާނެ އަށް ދާއިރާއަކަށް ޓިކެޓް ހަވާލުކޮށްފައެވެ. އަދާލަތުން އަށް ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައި ވަނީ، މީގެ ކުރިން އަދާލަތުން މަޖިލީހުގެ 13 ދާއިރާއަކަށް ވާދަ ކުރާނެކަން އިއުލާން ކުރުމަށްފަހު، އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށްފަހުގައެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ އެ ޕާޓީން ކާމިޔާބު ކުރާ ކޮންމެ ގޮނޑިއަކީ ރައީސް ސޯލިހުގެ ސަރުކާރަށް ލިބޭނެ ވަރުގަދަ ބާރެއް ކަމަށެވެ. އަދި މަޖިލިސްގައި ސަރުކާރަށް އެއްބާރުލުންދީ، ރައީސްގެ ވައުދުފުޅުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނީ ބާރު ހޯދުމަށް އަދާލަތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރޭ އަދާލަތުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް ބޭއްވި ހަފްލާގައި އިމްރާން ވިދާޅުވީ އެ ޕާޓީއިން މަސައްކަތް ކުރަންވާނީ މަޖިލިސް މެޖޯރިޓީ ބޮޑު އަގުލަބިއްޔަތަކުން ސަރުކާރަށް ހޯދައި ދިނުމަށް ކަމަށެވެ. މީގެ އިތުރުން އަދާލަތު ޕާޓިން މަޖިލިސް އަށް ކުރިމަތިލަނީ، ފާއިތުވި ދުވަސްތަކުގައި އަދާލަތު ޕާޓިން ކުރި ގިނަގުނަ މަސައްކަތާއި އެކި ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ރައީސް ސޯލިހުގެ ސަރުކާރު ދަމަހަޓަން ކަމަށެވެ.
"މި ވެރިކަން ދެމެހެއްޓުމަށްޓަކާ ﷲގެ ރަހުމަތަކާއެކު ވާންޖެހުހުނު ކޮންމެ ގުރުބާނީއެއް އަދާލަތު ޕާޓީން މިދަނީ ވަމުން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެން މި ކުރިމަތިލަނީ ވެސް މި ދެންނެވި މަތިވެރި މަގްސަދުގައި" އިމްރާން ވިދާޅުވިއެވެ.