ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިގްތިސާދީ އެޖެންޑާއަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދީފިއެވެ.

ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރައީސް ސޯލިހުގެ އިގްތިސާދީ އެޖެންޑާއަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މި ފެބްރުއަރީ މަހުގެ 12 އިން 15 އަށް ސައުދީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ސައުދީގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓާޒްގެ އެޑްވައިޒަ އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗެއާމަން، އަހުމަދު ބިން އަގީލް އަލް ހަތީބްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓާ ޝާހިދު، ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ޗެއާމަން ހަތީބާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ހިއްސާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުގެ އިގްތިސާދީ އެޖެންޑާއަށް ސައުދީ ފަންޑުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ހަތީބް ދެއްވެވިއެވެ.