ރާއްޖެއާއި ސައުދި އަރަބިއްޔާއާއި ދެމެދު އޮންނަ ޒަމާންވީ ގުޅުން ހަރުދަނާ ކުރުމަށް ފުރިހަމަ އެއްބާރުލުން ދެެއްވާނެކަމުގެ ޔަގީންކަން ސައުދި އަރަބިއްޔާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލްއައްސަފް ވިދާޅުވެއްޖެއެވެ.

ޒަމާންވީ ދެގައުމުގެ ގުޅުން ހަރުދަނާ ކުރައްވާނެ ކަމަށް ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ބޭފުޅުން ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގެއެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ސައުދީއާއި ދެމެދު އޮންނަ ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އަހައްމިއްޔަތުކަމަށް އަލި އަޅުވާލައްވައި، މި ގުޅުން ބިނާވެގެން ވަނީ ދެ ގައުމުގެ ދެމެދުވާ އިސްލާމީ، ސަގާފީ އަދި ތާރިހީ ގުޅުންތަކުގެ މައްޗަށްކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުުރުން ސައުދީން ދިވެހިރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ދެއްވަމުން ގެންދަވާ އެހީއަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ސައުދީ ފޮރިން މިނިސްޓަރު ވަނީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެގައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ހާރިޖީ ވުޒާރާއާއި ސައުދީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.