ރާއްޖޭގެ ޖުޑިޝަރީގައި ތިބި ބައެއް ފަނޑިޔާރުން ތިބީ ގޭންގުތަކުގެ ބާރުގެ ދަށުގައި ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖޭގައި ގޭންގުތައް ހުރި ކަމީ ހަގީގަތެއް ކަމަށެވެ. އަދި އެމީހުންނަކީ ގޭންގުތައްކަން ކަނޑަނޭޅެނީ، އެމީހުންގެ ބާރުގެ ދަށުގައި ޖުޑިޝަރީ އޮތުމުން ކަމަށާއި މިއީވެސް ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ގޭންގުތަކާއި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ މަހުލޫފް ވިދާޅުވީ އޭނާ އެކަން ކުރެއްވީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅު ކުރައްވަން ކަމަށާއި، ބައެއް ފަރާތްތަކުން އޭގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ. އަދި ގޭންގުތައް އިސްލާހުކޮށް ޖުޑިޝަރީ މިނިވަން ކުރެވޭނީ ވެސް ގޭންގުތަކާއި މަޝަވްރާ ކޮށްގެން ކަމަށެވެ.

"ގޭންގުތަކުގެ އުނދަގުލާއި، މީހުން މެރުމާއި، މާރާމާރީ ހިންގުމުގެ އިތުރުން މަގުމަތީގައި ހިނގާ ނޫޅޭވޭ ވާހަކައަކީ އެންމެ ގިނައިން މީހުން ދައްކާ އެއްވާހަކަ. ގޭންގުތައް މައިތިރިކުރަން ޖެހޭ އިރު މުގުރު ހިފައިގެން ދިޔަ ނަމަވެސް ހައްލު ނުވާނެ" މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ޖުޑިޝަރީގައި ތިބޭ ބައެއް ފަނޑިޔާރުންނާއި ގޭންގުތަކާއި ގުޅުން އޮންނަ ކަމަށް މަހުލޫފް ވިދާޅުވި އިރު، ގެއްލުވާލާފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވެސް ވަނީ، އެ ކޮމިޝަންގެ ތަހުގީގަށް އެފަދަ ކަންކަން ފާހަަގަކުރެވިފައިވާ ކަމަށް ބުނެފައެވެ. އަދި ގޭންގުތަކުގެ ނުފޫޒު ޖުޑިޝަރީއަށް ހާއްސަކޮށް ކުރިމިނަލް ކޯޓުގައި އޮންނަ ކަމަށާއި، އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ގޭންގުތަކާއި ގުޅުން އޮންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޭންގުތަކުގެ މައްސަލަކަމަށާއި، ގޭންގުތަކަށް ޒުވާނުން ވަނުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ގޭންގުތަކުގެ ޝިކާރައަކަށް ވެފައި ތިބި ކުދިން ސަލާމަތް ކުރުމަކީ ވެސް ޒިންމާއެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"މި މީހުންނާއެކު ވެސް މަސައްކަތް ކުރަންޖެހޭ. އޭގެ ތެރެއިން އެ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަންޖެހޭ. އެއްވެސް ހާލެއްގަ އަޅުގަނޑު ނުބުނަމޭ އަޅުގަނޑުމެން މިއުޅެނީއެއް އެމީހުންއެކު މަޝްވަރާއެއް ކޮށްގެން ޖަލުތަކުގައި ތިބި އެމީހުންގެ މީހުން ދޫކޮށްގެން މިކަހަލަ ކަމެއް ކޮށްގެން އެކަހަލަ ޑީލްއަކަށް ދާ ވާހަކައެއް ނޫން" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ބޭނުންވަނީ ގޭންގްތަކާއެކު މަޝްވަރާކޮށް ގޭންގްތަކުން ހިންގާ ކުށްތައް މަދުކުރުމަށާއި، އެކަމަށް ހައްލެއް ހޯއްދެވުމަށް ކަމަށެވެ. އަދި ގޭންގްތަކާއި މަޝްވަރާ ކުރައްވަނީ ހެޔޮ ނިޔަތެއްގައި ކަންކަން ރަނގަޅު ކުރެއްވުމަށް ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

"ބައެއް ފަރާތްތަކަށް ހީވި، އަޅުގަނޑު މިއުޅެނީ ޝައިނީމެން ގޭންގްތަކާއެކީ ފޮޓޯ ނެގި ގޮތަށް ނަގާށޭ. އެޔެއް ނޫން. އަޅުގަނޑު ދަންނަ ކުދިން އެބަތިއްބޭ ގޭންގްތަކުގައި. އެކަމަކު އަޅުގަނޑު ވަރަށް ކެރިގެން މިދަންނަަވަނީ އެއިން އެއްވެސް މީހެއްގެ ދަށެއް ވެފައެއް ނޯންނާނެ" މަހުލޫފަށް އަމާޒުވި ފާޑުކިއުންތަކުގެ ރައްދުގައި ވިދާޅުވިއެވެ.

މީގެ އިތުުރުން ސިޔާސީ ފަރާތްތަކާއި ގޭންގްތަކާ ބޮޑު ގުޅުމެއް އޮންނަ ކަމަށާއި އެމީހުންގެ ޖަރީމާތަށް ގޭންގްތަކުން ހިންގައިދީފައި ހުރި ކަމަށް މަހުލޫފު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް މަހުލޫފް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ ގޭންގުތައް ލައްވާ ޖަރީމާތައް ނުހިންގަވާނެ ކަމަށާއި، "ގޭންގުތައް ޔޫސްއެއް ނުކުރާނަން" ކަމަށެވެ.