އަންނަ އެޕްރީލް މަހު ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން ވާދަކުރާނެ އަށް ކެންޑިޑޭޓަކަށް ޓިކެޓް ހަވާލުކޮށްފިއެވެ.

ކުރިން 13 ދާއިރާއަކަށް ކުރިމަތިލާނެކަން އިއުލާން ކުރުމަށްފަހު، މިރޭ އަދާލަތުން ޓިކެޓް ހަވާލުކޮށްފައިވަނީ އަށް ދާއިރާއެއްގެއެވެ. ފަސް ދާއިރާއެއްގެ ޓިކެޓް މިރޭ ހަވާލެއް ނުކުރެއެވެ. އަދާލަތުން އަށް ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފައިވަނީ ދާދި ފަހުން މަޖިލިސް އިންތިހާބުގައި އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާ މަޝްވަރާ ކުރި ފަހުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި އަދާލަތުން ޓިކެޓް ހަވާލުކޮށްފައި ނުވަނީ ގަމު ދާއިރާ، ފުވައްމުލަކު ދެކުނު ދާއިރާ، ފޭދޫ ދާއިރާ، މާފަންނު ދެކުނު ދާއިރާގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާ އެވެ. އެ ޕާޓީން މިރޭ ޓިކެޓް ހަވާލުކުރީ ކެލާ ދާއިރާ، މަކުނުދޫ ދާއިރާ، ވައިކަރަދޫ ދާއިރާ، އިނގުރައިދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ އަދި ނިލަންދޫ ދާއިރާއަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރު އެ ޕާޓިން މަސައްކަތް ކޮށްފައި ވަނީ އަނިޔާވެރިވެރިކަމަކުން ރައްޔިތުން ސަލާމަތްކޮށް ރާއްޖޭގައި އަދުލުވެރި ވެރިކަމެއް ގާއިމު ކުރުމަށް ކަމަށާއި، އެ ޕާޓީގެ ބޮޑު ގުރުބާނީއަކާ އެކު އެކަން ހާސިލް ކޮށްފައިވާކަމަށެވެ.