އަންނަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވޯޓު ފޮށި ބަހައްޓާނީ 39 ރިސޯޓެއްގައި ކަަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އެ ކޮމިޝަނުން ނިންމާފައިވަނީ މަޖިލިސް އިންތިހާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ކަމަށާއި، ނަމަވެސް އެއީ ކޮން ކޮން ރިސޯޓްތަކެއްގައި ކަމެއް އިލެކްޝަނުން ހާމައެއް ނުކުރެއެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަންނަ އެޕްރީލްގައި ބާއްވާ އިންތިހާބުގައި 87 ދާއިރާއަށް މެންބަރުން ހޮވާނެއެވެ. ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި 50 މީހުންނަށް ވުރެ ގިނަ މީހުން ވޯޓުލާން ރީރަޖިސްޓްރީ ވުމުންނެވެ. އަދި ވޯޓު ފޮށި ބަހައްޓަން އިއުލާންކުރި 39 ރިސޯޓުގެ ތެރެއިން 50 މީހުންނަށް ވުރެ މަދުން ރީރަޖިސްޓާ ކުރާ ނަމަ އެ ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓާނެއެވެ.

އިލެކްޝަނުން ބުނީ މިިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ނުބަހައްޓާ އަށް ރިސޯޓެއްގައި މި ފަހަރު ވޯޓު ފޮށި ބަހައްޓަން އެ ކޮމިޝަނުން ނިންމާފައިވާ އިރު، ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި ހަތަރު ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖޭން ބޭރުގައި ދިވެހިން އުޅޭ ހަތް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ބަންގުލަދޭޝް، އިނގިރޭސީ ވިލާތް، ސިންގަޕޫރު، ތައިލެންޑް އަދި މެލޭޝިއާ ހިމެނެއެވެ.