ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓުން ވާދަ ނުކުރާ ދާއިރާތަކަށް، ކުރިމަތިލާ ކޯލިޝަން ކެންޑިޑޭޓުންނަށް ތާއިކުރަން އެމްއާރުއެމުން ނިންމައިފިއެވެ.

ޕީޕީއެމް ހޯދުމުގެ ޝައުގުވެރިކަން ދޫކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މައުމޫން ހުށަހަޅުއްވާފައިވާއިރު، އެމަނިކުފާނުގެ ތާއިދާއެކު 24 ދާއިރާއަކަށް ވާދަކުުރުމަށް އެމްއާރުއެމުން ވަނީ ޓިކެޓް ދީފައެވެ.

އެމްއާރުއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން އެމްއާރުއެމްގެ ތަރުޖަމާނު ތަޒްމީލު އަބްދުއްސަމަދު ވިދާޅުވީ 24 ދާއިރާއަކަށް ކެންޑިޑޭޓުންނަށް ޓިކެޓް ދީފައިވީ ނަމަވެސް، ދާއިރާތަކަށް ވާދަކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް އަދި ވެސް އެފުރުސަތު އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓުން ނުނިކުންނަ ދާއިރާތަކަށް ކޯލިޝަނުން ވާދަކުރާނަމަ އެމްއާރުއެމްގެ ފަރާތުން ތާއީދު އޮންނާނެ. އެކަމަކު އަޅުގަނޑުމެންގެ ކެންޑިޑޭޓަކު ކުރިމަތިލާ ދާއިރާތަކަށް އަޅުގަނޑުމެންނަށް އެއްބާރުލުމެއް ނުދެވޭނެ. އެއީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެމްއާރުއެމުން ނުވަތަ ރައީސް މައުމޫނުގެ ފަރާތުން ތާއީދު ކުރެވޭނީ، އަދި މަސައްކަތް ވެސް ކޮށްދެވޭނީ" ތަޒްމީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއާރުއެމުން ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މާއްދާ ހަތަރެއް ކަމަށެވެ. އެއީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދައުލަތުގެ ހުރިހާ ބާރެއް ވެސް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުން، އެ ޝިއާރު ހިޔާރު ކުރެއްވީ ކަމަށް ތަޒްމީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބަށް ރަސްމީކޮށް ކެމްޕެއިން ފެށުމަށް ވަރަށް އަވަހަށް ހަރަކާތެއް މާލޭގައި ބާއްވާނެ ކަމަށެވެ.