އޮޕަރޭޓިންގް ލައިސަންސް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ފަތުރުވެރިން ބޭތިއްބި ކަމުގެ ހެކި ލިބިފައިވާ ދެތަނެއްގެ މައްސަލަ ތަހްގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ޓޫރިޒަމް މިނިސްޓްރީން ހުށަހަޅައިފިއެވެ.

ނަމަވެސް ދެ ތަނެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެއީ ކޮން ދެ ތަނެއްގެ ކަމެއް ޓޫރިޒަމް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޓުއަރިޒަމާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ އެއްވެސް ޓޫރިސްޓު ރިސޯޓެއް ހިންގަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށް ޓޫރިސްޓް ރިސޯޓު ހިންގުމަށް މިނިސްޓްރީއޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައި ކަމަށެެވެ.

އަދި ހަމަ އެ ގާނޫނުގެ 17 އަދި 18 ވަނަ މާއްދާގައިވާ ގޮތުން، ދިވެހިރާއްޖޭގެ އެއްވެސް ހޮޓަލެއް ނުވަތަ އެއްވެސް ޓޫރިސްޓު ގެސްޓް ހައުސެއް ހިންގަން ވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެތަނެއް ރަޖިސްޓްރީކޮށް އެފަދަ ތަންތަން ހިންގުމަށް މިނިސްޓްރީން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ބުނެފައިވެއެވެ. އަދި އެތަންތަން ހިނގުމުގެ ހުއްދަ ދޫކުރާނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ މިންގަނޑުތަކަށް އެތަންތަނުގެ އިމާރާތްތަކާއި އެފަދަ ތަންތަނުން ލިބެންޖެހޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ހިދުމަތްތައް އެތަންތަނުން ލިބެން ހުންނަ ނަމަ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް މި މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ތަނެއްގައި ފަތުރުވެރިން ނުބޭތިއްބުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އޮޕަރޭޓިންގް ލައިސަންސް ނެތި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ބައިތިއްބާ ނަމަ އެ ފަރާތްތަކުގެ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މިނިސްޓްރީއާ ހިއްސާކުރުމަށް ރަށު ކައުންސިލްތަކަށް މިހާރު އަންގާފައިވާނެ ކަމަށާއި، މީގެ އިތުރުންވެސް އޮޕަރޭޓިންގް ލައިސަންސް ހަމަވެފައިވާ ތަންތަން އޮޕަރޭޓިންގް ލައިސަންސް ދެވޭ ފެންވަރަށް އިސްލާހު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެކަންކަން ރަނގަޅު ކުރުމުގެ ޕްލޭނަކާއި އެކު ޕްރޮޕޯސަލް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އަދި މިގޮތުން ވަގުތީ ހުއްދައެއް ދޫކުރުމުގައި މި މިނިސްޓްރީން ބަލާނެ ކަންކަމުގެ ތެރޭގައި އެފަދަ ތަނެއްގައި ސަލާމަތާއި ރައްކާތެރިކަމާއި، މުވައްޒަފުންގެ ހައްގުތައް، ދައުލަތަށް ދައްކަންހުރި ފައިސާ އަދި މި މިނިސްޓްރީން ބަލާ އެހެނިހެން މިންގަނޑުތައް ހިމެނޭކަމަށް ވެސް ޓޫރިޒަމްގެ ބަޔާނުގައި ބުނެފައިވެއެވެ.