ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތަކައް ވާސިލްވުމަށް ސައުދީ އަރަބިއްޔާއަށް ވެދެއްވެން ހުރި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން އެގައުމުން ދީފިއެވެ.
ސައުދީން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދީފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސައުދީ އަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުގައި މިއަދު ސައުދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހަމަދް ބިން ސުލައިމާން އަލް ބަޒައި އާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ސައުދީ މިނިސްޓްރީ އޮފް ފިނޭންސްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ވިގަތު ހިނގަމުންދާ ބައެއް މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫއުތަކާއި މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސައުދީން ދިވެހިރާއްޖެއާއި މެދު ބަހައްޓަމުން އަންނަ ގާތް ރަހުމަތްތެރި ގުޅުމަށް ޝާހިދު ޝުކުރުއަދާ ކުރެއްވިއެވެ.
ސައުދީ އަރަބިއްޔާގެ ނައިބު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރައްގީގެ ލަނޑުދަނޑިތަކައް ވާސިލްވުމަށް އެގައުމުން ވެދެއްވެން ހުރި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ފޮރިން މިނިސްޓްރީއާއި ސައުދީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.