ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ބެހޭ ލިޔެކިޔުންތަކާމެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް ހިޔާ، ގެދޮރުވެރިކުރުން އަދި ގުޅީފަޅު ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް މުރާޖާކުރާ ކޮމިޓީން ބުނެފިއެވެ.

އެކޮމިޓީން މިހެން ބުނެފައިވަނީ، މިހާތަނަށް ކޮމިޓީން ކުރި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮމިޓީން ބުނީ، އެ ކޮމިޓީން މަސައްކަތާ ހަވާލުވި އިރު އެންމެ ބޮޑަށް ފާހަގަކުރެއްވުނީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ބެހޭ ލިޔެކިޔުންތަކާމެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން ކަމަށެވެ. އަދ ހާއްސަގޮތެއްގައި، މިފަދަ ލިޔެކިޔުންތައް ރައްކާތެރިކަމާއެކީ ބަލަހައްޓާފައިނުވާކަން ފާހަގަ ކޮށް ކޮމިޓީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެ ކޮމިޓީގެ ނައިބު ރައީސް މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް ހޯދަން ހައުސިން މިނިސްޓްރީއަށް ދިޔައިރު ފޯމްތައް ހުރީ "ބިންމައްޗަށް އުކާލާފައި" ކަމަށެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އާންމުން ހުށަހަޅާފައިވާ ފޯމުތައް އެއްވެސް ތަރުތީބެއްނެތި ހުރުމުގެ ސަބަބުން، އެންމެ ފުރަތަމަ ވެސް ކުރަން ޖެހުނީ އެފޯމުތައް ހޯދައި ފޯމުތައް ހަމަކުރުމުގެ މަސައްކަތް ކަމަށާއި އަދިވެސް އެ މަސައްކަތް މުޅިން ނުނިމޭ ކަމަށް ކޮމިޓީން ބުނެއެވެ.

ފުލެޓް ކޮމިޓީގެ މެމްބަރު އަހުމަދު ތޮލާލް ވިދާޅުވީ ކޮމިޓީން ފުރަތަމަ ބަލަމުން އަންނަނީ ހިޔާ މަޝްރޫއުގެ ފޯމްތައް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ބަލަމުން އަންނަނީ ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ނިންމާފައިވާ ފަރާތްތަކުގެ ފޯމްތައް ކަމަށާއި، އެ ފޯމްތައް ބެލުމަށް ފަހު ޝަކުވާ ހުށަހަޅަން ހުޅުވާލާ، ލިބޭ ޝަކުވާތައް ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ވެސް އަޅުގަނޑުމެން މި ބެލި ބެލުމުން ފޯމްތަކުން ފެންނަން ހުރި މައުލޫމާތުތަކާ އަދި ބައެއް ފަރާތްތަކާ ކުރި އިންޓަވިއުތަކުން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ މި މަޝްރޫއުތައްް ހިނގާފައި ވާއިރުގައި ހަމަ އިންސާފުން ބޭރުން ކަންތައްތައް ކުރެވިފައިވާ ކަމާއި މީގައި ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވެފައިވާކަން" ތޮލާލު ވިދާޅުވިއެވެ.

ފުލެޓް ކޮމިޓީން ބުނެފައިވަނީ ފޯމްތަކަށް މާކްސް ދިނުމުގައިވެސް އެއްވެސް އުސޫލަކަށް އަމަލުކޮށްފައިނުވާކަމަށާއި، މިހާތަނަށް ބެލި ބެލުމުންވެސް ފްލެޓް ހައްގު ނުވާ ފަރާތްތަކަކަށް ފްލެޓް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން ވިދާޅުވިއެވެ. އަދި، މިކަމުގައި އިހުމާލުވާ ފަރާތްތައް ހޯދުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ވެސް ކޮމިޓީން ކުރަމުންދާ ކަމަށް އެ ކޮމިޓީން ބުނެއެވެ.