އުމުރުން ދުވަސްވީ މީހުންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުން ބަދަލުކޮށް، އާއިލާއާއި މުޖުތަމައުގެ ތެރޭގައި ބަސްބުނުމުގެ އިހްތިޔާރު އެ ފަރާތްތަކަށް ހޯދައިދިނުމަށް ބާރުއަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރަށް ރަންވޭލާ ކެމްޕޭން ފައްޓަވައި ދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 70 އަށްވުރެ ގިނަ މައްސަލަ މިދިޔަ އަހަރު މިނިސްޓްރީއަށް ހުށަހެޅުނު ކަމަށެވެ.

"މިއީ ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި ނިސްބަތުން ބޮޑު އަދަދެއްކަން ފާހަގަކުރައްވައި، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލާނެ ފަރާތެއްނެތި، އިހުމާލުވުމުގެ މައްސަލަތައް. އަދި ރިކޯޑު ނުކުރެވޭ ގިނަ މައްސަލަތައް މުޖުތަމައުގައި ހުންނާނެ. އުމުރުން ދުވަސްވީ ބައެއް މީހުން ދުނިޔެ ދޫކޮށް ދަނީ އެ ހިތްދަތި ކަމުގައި" ޝިދާތާ ވިދާޅުވިއެވެ.

ރަންވޭލާ ޕްރޮގްރާމް މިއަހަރަށް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: ޖެންޑާ

ރަންވޭލާ ޕްރޮގްރާމް މިއަހަރަށް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: ޖެންޑާ

މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ގަދަރަކާއި ލޯތްބެއް ބެހެއްޓި ބައެއް ކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން އެ ފަރާތްތައް ވެފައިވަނީ އާއިލާގެ ތެރޭގައި މުހިންމު ބައެއް ގޮތުގައި ކަމަށާއި، އެހެން ކަމުން މިއަދު ވެސް އެ ނަމޫނާ ދެއްކެވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

"އެ ގުޅުން އެ ގޮތުގައި ހިފަހައްޓައި، ދެން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް" މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޖެންޑާ މިނިސްޓްރީއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން އެމްއޯޔޫގައި ސޮއިކުރަނީ / ފޮޓޯ: ޖެންޑާ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ޖެންޑާ މިނިސްޓްރީއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން އެމްއޯޔޫގައި ސޮއިކުރަނީ / ފޮޓޯ: ޖެންޑާ

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި މިނިސްޓްރީއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި ވަނީ ސޮއިކޮށްފައެވެ.