މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި މޫސުމާ ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އަންގާފައިވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއްގެ ރިޕޯޓް، ކޯސްޓްގާޑަށް ލިބެމުންދާ ކަމަށެވެ. އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އެދެއެވެ.

އަދި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭއްވެވުމަށާއި، ދަތުރަށް ފުރުމުގެކުރިން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާނެ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމާއި ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭނގަޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމްއެންޑީފުން ވަނީ އެދިފައެވެ

މީގެ އިތުރުން މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް ޢަމަލުކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓެވުމަށް ވެސް އެދިފައިވެއެވެ. އަދި ޑައިވިން ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތަައް ނުރޭވުމަށް ވެސް އެދިފައިވެއެވެ. އަދި ފަޅުތެރޭގަޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އެދިފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށެވެ.