ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފިއެވެ.

މި ދައުވާ އުފުލާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައެވެ. ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގައެވެ. މި މައްސަލައިގައި އެމަނިކުފާނު ތަހުގީގަށް ހަތަރު ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކުރައްވާފައިވެއެވެ. މީގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް ދޮގު މައުލޫމާތު ދެއްވާފައިވާތީ، އެ މައްސަަލައިގައި ވެސް އެމަނިކުފާނާއި، އެމަނިކުފާނުގެ ވަކީލާ އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ވަނީ ހުށަހަޅާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރި ފަހުން، ޔާމީންގެ އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުރި ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވާކަން ވެސް ވަނީ ފަޅާއަރާފައެވެ. ނަމަވެސް މިކަން އެ މަނިކުފާނު ދޮގުކުރައްވައެވެ. މި މައްސަލަ އޭސީސީން ބަލާފައިވާއިރު، ޔާމީންގެ ޑޮލަރު އެކައުންޓަށް ޖަމާކުރި ޝައްކު އުފެދޭ ފައިސާ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ވަނީ ޖަމާކޮށްފައެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވާ މީގެ ކުރިން ވިދާޅުވެފައިވަނީ އެމްއައިބީ އެކައުންޓުގައި ހުރި ފައިސާއާ މެދު ސުވާލު އުފެދިފައިވިޔަސް އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާކަމަށެވެ. އަދ އެއީ، ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފައެވެ.