ވަޒީފާ ހޯދުމުގެ ނިޔަތުގައި ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ބަންގަލަދޭޝްގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ގޮވާލާފައިވާކަމަށް ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބަންގްލަދޭޝްގެ އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވާސީސް އެމްޕްލޯއިމަންޓް މިނިސްޓްރީ (އީ.ޑަބްލިއު.އޯ.އީ)އާއި ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ވަޒީފާ ހޯދުމުގެ ބޭނުމުގެ މަގުސަދުގައި ދިވެހިރާއްޖެއަށް ހިޖުރަ ނުކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ގޮވާލާފައިވަނީ، ދިވެހިރާއްޖޭގައި ވަޒީފާ ނެތް މީހުންގެ މައްސަލަ ބޮޑުވެގެން ކަމަށްވެއެވެ.

އީ.ޑަބްލިއު.އޯ.އީގެ އޮފިޝަލުންނާއި ހަވާލާދީ ނިއު އޭޖް ބަންގްލަދޭޝް ނިއުސް އޭޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ސަރުކާރުން މިފަދަ ކަމަށް ގޮވާލާފައި ވަނީ، ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުގެ ލަފާގެ މަތިންނެވެ.

ބަންގްލަދޭޝްގެ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ދަތުރުކުރުން ހުއްޓާލަންޖެހޭ ކަމަށް އީ.ޑަބްލިއު.އޯ.އީގެ އޮފިޝަލުން ގޮވާލާފައިވާކަމަށާއި، އަދި ދިވެހިރާއްޖެއަށް މަސައްކަތްތެރިން ފޮނުވުމުގެ މަސައްކަތް ހުއްޓާލުމަށް ރެކްރޫޓިންގް އޭޖެންސީތަކަށްވެސް ބަންގްލަދޭޝް ސަރުކާރުން ގޮވާލާފައިވާކަމަށް އެ ގައުމުގެ ޚަބަރުތައް ބުނެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައިވާ ކަމުގެ ޚަބަރުތައް ފެންމަތިވެފައި މިވަނީ، ދިވެހިރާއްޖޭގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވާ ބިދޭސީން ހޯދާ، އެފަދަ ފަރާތްތައް ނިސްބަތްވާ ގައުމުތަކަށް ފޮނުވާލުމަށް ދިވެހި ސަރުކާރުން ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.