ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާގެ އެގްރީމަންޓަށް އަންނަ މާރޗުން ފެށިގެން އަމަލުކުރުމަށް އެއްބަސްވެއްޖެއެވެ.މި ވިސާ އެގްރީމަންޓަށް އަމަލުކުރުމަށް ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް އަންނަ މާޗް މަހުގެ 11 އިން ފެށިގެން މި އެގްރީމަންޓަށް ދެ ގައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން ވަނީ ބަދަލުކޮށްފައެވެ.

މި އެއްބަސްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި، ދެގައުމުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދެގައުމުގެ ދޭތެރޭ ދަތުރު ފަތުރުކުރުމަށާއި ދެގައުމުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރިއާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާއަށް ދަތުރުކުރައްވާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާއެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.