ދިއްލީގެ ހޮޓަލެއްގައި އަންގާރަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 17އަށް އަރައިފިއެވެ.

މަންޒަރު ދުށް މީހަކު ކިއާދިން ގޮތުގައި، މަރުވި މީހުންގެ ތެރޭގައި، އަލިފާންގަނޑުން ސަލާމަތްވުމަށްޓަކައި ކުޑަދޮރަކުން ފުންމާލި އަންހެނަކާއި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އޮފިޝަލުން ވިދާޅުވީ މިހާދިސާގައި 35 މީހަކު ސަލާމަތްކޮށްފައިވާކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އަނިޔާ ލިބުނު ބައެއް މީހުން ވަނީ އިތުރު ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށްވެސް ގެންދެވިފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކުޑަ ބަޖެޓެއްގައި ދިއްލީއަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާރޯކް ބާޣްގައި ހޮޓަލެއް ކަމަށްވާ "ހޮޓެލް އާޕިޓް ޕެލަސް"ގައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވީ، ހޮޓެލްގެ އިމާރާތުން ނިކުމެވެން އޮންނަ ކޮރިޑޯ ނުވަތަ މަގުގައި ލަކުޑި ޕެނަލެއް އޮތުމުގެ ސަބަބުން، ސަލާމަތް ވުމަށް ދުވި މީހުންނަށް އެ މަގު ބޭނުން ނުކުރެވުނު ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ވަނީ ތައުޒިޔާ ދަންނަވާ ޓުވީޓެއް ކުރައްވާފައެވެ.

އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ މިހާދިސާ ހިނގަން މެދުވެރި ސަބަބެއް ދެނެގަތުމަށް އިތުރު ތަހުގީގުތައް ހިންގަމުންނެވެ.