ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) އަދި ޖުމްހޫރީ ޕާޓީގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

މި ދެބޭފުޅުންގެ ތެރެއިން އައިބީއަކީ ޕްރައިމަރީ އަކާ ނުލާ ޕީޕީއެމުން ޓިކެޓް ދިން މެންބަރުންގެ ތެރެއިން އެއްބޭފުޅެވެ. ޕާޓީ ޓިކެޓް ދޫކުރައްވާ އަމިއްލަގޮތުން ވާދަކުރައްވަން އައިބީ ނިންމެވީ ކޯލިޝަން ސަރުކާރެއްގައި ގިނ ޕާޓީގެ ވިސްނުމަށް މަސައްކަތް ކުރެވޭނީ އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކޮށް ކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިބީ ވަނީ އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ފޭދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައެވެ. އަދި މިކަން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ދިއްދޫ ދާއިރާގެ މިހާރުގެ ވެސް މެންބަރު ލަތީފް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމެވީ ޖޭޕީން އޭނާއަށް ޓިކެޓް ނުދިނުމާއި ގުޅިގެންނެވެ. ޖޭޕީން ޓިކެޓް ދިން ދާއިރާތަކުގެ ތެރޭގައި ދިއްދޫ ދާއިރާ ނުހިމެނެއެވެ. ދިއްދޫ ދާއިރާއަށް ލަތީފް ހޮވިވަޑައިގެންފައިވަނީ ވެސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ލަތީފް ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. ލަތީފަކީ މަޖިލީހުގެ ގޮނޑި ގެއްލުނު މެންބަރުންގެ ތެރެއިން މެންބަރެކެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށްފަހު ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅިއެވެ.