މާލޭގެ ސްކޫލްތައް އެއް ދަންފަޅިއަކަށް ބަދަލުކުރުމަށް އިތުރު 10 ސްކޫލް އިމާރާތްކުރަން ޖެހޭކަމަށް ނުދަންނަވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އޭނާ ދެއްކެވި ވާހަކައާއި ގުޅިގެން ބައެއް ނޫސްތަކުގައި މާލޭގައި އިތުރު 10 ސްކޫލް އަޅަން ޖެހޭކަމަށް ބުނެ ލިޔެފައިވާ ހަބަރުތަކާއި ގުޅިގެންގެންނެވެ. މިކަމާއި ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސްކޫލްތައް އެއް ދަންފަޅިއަކަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަންނަން ހެދި އޮޑިޓުން ދައްކާ ގޮތުން މާލޭގެ ސަރަހައްދުގައި މިހާރު އެޅިފައިވާ ސްކޫލްތައް އެއް ދަންފަޅިއަކަށް ބަދަލުކުރުމަށް އެ ސަރަހައްދަށް އިތުރު 10 ސްކޫލް ބޭނުންވާކަމަށް ދައްކާ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވީ މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލް އަޅަން ނިންމި ވާހަކައެއް ނޫން. އެގޮތަށް އޮޑިޓްއިން ދެއްކި ވާހަކަ. ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލެއް ފުރިހަމަގޮތުގައި ހިންގުމަށް ސްކޫލް ސައިޒް 800 – 1000 ގައި ބަހައްޓަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ކުރިއަށް ގެންދެވުނު އޮޑިޓްގައި ބުނެފައިވަނީ ރާއްޖޭގެ ސްކޫލްތަކުގެ މިހާރުގެ ހާލަތު ދެނެގަނެ ދެ ދަންފަޅިއަށް ހިންގާ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ފާހަގަކޮށް އެކަމަށް ހިނގާނޭ ހަރަދުތައް ވަނީ އަންދާޒާކޮށްފައެވެ.

އަދި ރާއްޖޭގައި މިވަގުތު ހުރި 213 ސަރުކާރު ސްކޫލުގެ ތެރެއިން 151 ސްކޫލު މިހާރުވެސް ހިންގަނީ އެއްދަންފަޅިއަށް ކަމަށާއި، 62 ސްކޫލެއް އެއްދަންފަޅިއަށްވުރެ ގިނަ ދަންފަޅިއަށް ހިންގާކަމަށް ބުނެފައިވެއެވެ. އަދި މިނިސްޓްރީން ކުރިއަށް ގެންދެވުނު އޮޑިޓްގެ ނަތީޖާއަށް ރިއާޔަތްކޮށް މި 62 ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރުމަށް ރޭވިފައިވަނީ 3 ކެޓަގަރީއަކަށް ބަހާލައިގެންކަމަށް ބުނެފައިވެއެވެ.

ފުރަތަމަ ކެޓަގަރީގައި ފާހަގަ ކުރެވިފައިވަނީ ސްކޫލު އެއްދަންފަޅިއަށް ހިންގުމަށްޓަކައި 10 ކުލާސް ނުވަތަ އެއަށްވުރެ މަދު ކުލާސްރޫމް ބޭނުންވާ ސްކޫލުތައް ކަމަށާއި، މި ކެޓަގަރީގައި 37 ސްކޫލެއް ހިމެނޭކަމަށް އޮޑިޓްގައި ބުނެފައިވެއެވެ. އަދި ދެވަނަ ކެޓަގަރީގައި ހިމެނެނީ އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި 10 ކިލާސްރޫމަށް ވުރެ އިތުރަށް ޖާގަ ބޭނުންވާ އަތޮޅުތެރޭގެ 13 ސްކޫލް ކަމަށް މި އޮޑިޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގައި، އެންމެ ބޮޑު ގޮންޖެހުމެއް އޮތީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށް ކަމަށާއި، މިއީ މި ޕްރޮޖެކްޓް ހިންގުމުގެ ތިންވަނަ ކެޓަގަރީ ކަމަށް ބުނެފައިވެއެވެ. އަދި މާލޭގައި ދެ ދަންފަޅިއަށް ހިންގާ 13 ސްކޫލް ހުރުމާއެކު ހުސްޖާގަ ނެތުމަކީ މާލެ ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ދިމާވެފައިވާ ގޮންޖެހުމެއް ކަމަށާއި، މިކަންކަން ހައްލުކުރުމަށް މި އޮޑިޓްގެ އެހީގައި ޕްލޭނެއް އެކުލަވާލެވިފައިވާކަމަށް ބުނެފައިވެއެވެ. އަދި ސްކޫލްތަކުގައި ޖާގަ އިތުރުކުރުމުގެ ބަދަލުގައި އިތުރު ސްކޫލްތައް އިމާރާތް ކުރުން މުހިއްމު ކަމަށް މި އޮޑިޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

"މިހާރު އެއްދަންފަޅިއަށް ބަދަލުނުކުރެވިހުރި ހުރިހާ ސްކޫލެއް 2023 ވަނައަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ޢިމާރާތް ކުރުމަށް ބޭނުންވާ 838 ކްލާސްރޫމާއި އެހެނިހެން ވަޞީލަތްތައް ޤާއިމް ކުރުމަށް 2.3 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާކުރެވޭ" އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.