ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި މަހުގެ 25 ވަނަ ދުވަހު ފަށާގޮތަށް ނިންމައިފިއެވެ.

މަޖިލީގުގެ ޖަލްސާތައް މި މަހުގެ 25 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، މަޖިލިސް ޖަލްސާތައް ބާއްވާނެ ދުވަހަކާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއެކު، ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރުންނާއެކު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ޕީޕީއެމް، އެމްޑީޕީ، ޖޭޕީ، އަދާލަތު އަދި އެމްޑީއޭގެ ޕީޖީ ލީޑަރުން ބައިވެރިވިއެވެ.

މަޖިލީހުގެ ރައީސާއެކު ބޭއްވި ބައްދަލުވުމަށްފަހު، ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސާއެކު ބޭއްވި ބައްދަލުވުމަށްފަހު މި މަހުގެ 25 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ގާސިމްގެ އިތުރުން ޖޭޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ މައުރޫފް އަދި އަދާލަތު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަނާރާ ނައީމު ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމަށް ދުވަހެއް ކަނޑައަޅާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދުފުޅުތައް ފުއްދުމަށް މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލްތަކެއް ފާސްކުރުމަށް މިދިޔަ މަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ނިންމާ، އެކަމަށް މެންބަރުންގެ މާބޮޑު ތަރުހީބެއް ނުލިބި އޮށްވައެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދައުރުން ބޭރު ޖަލްސާތައް ބޭއްވުމަށް ސަރުކާރުން އެދުނު ނަމަވެސް، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެކަމަށް މާ ބޮޑު އިޖާބައެއް ދީފައެއް ނުވެއެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއެވެ. މި ޖަލްސާގައި ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން ވެސް އިއްވިއެވެ.