ކޮރަޕްޝަންގެ ވަބާ މުޖުތަމައުން ފޮހެލައިގެން ނޫނީ ކުރިއެރުން ހޯދެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް އާންމުންނަސް ރިޕޯޓު ކުރެވޭގޮތަށް ފަރުމަކޮށް އުފެއްދި ޕޯޓަލް އިފްތިތާހު ކޮށްދެއްވަމުންނެވެ. މި ޕޯޓަލަކީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ފެށި ކެމްޕޫނުގެ ދަށުން ލޯންޗް ކުރި ޕޯޓަލެކެވެ. މި ޕޯޓަލް ލޯންޗް ކޮށްދެއްވަމުން ރައިސް ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތުގެ ވަބާއިން މުޖުތަމައު ސަލާމަތްކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ގާއިމްކުރެވޭނީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕޭނުގެ ދަށުން ލޯންޗު ކުރި އޮންލައިން ޕޯޓަލްއަކީ ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅޭ ޕޯޓަލެކެވެ. މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވަނީ ހެޔޮ ވެރިކަމެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މީގެ އަހަރުތަކެއް ކުރިން ދައްކަން ފެށި ވާހަކައިގެ އަމަލީ ބައިގެ މަސައްކަތް މިއަދު ފެށުނީ ކަމަށެވެ.

"މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއި ހިޔާނާތުން މުއައްސަސާތައް ސަލާމަތް ކުރުން، އެގޮތުގެ މަތިން ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތައް އަޅުގަނޑު އިއުލާން ކުރިން، އޭގެ ތެރެއިން ސިޔާސީ މަގާމުގައި ތިއްބެވި އިސް ބޭފުޅުންގެ މާލީ ބަޔާން ވަކި އުސޫލެއްގެ ތެރެއިން އާންމު ކުރެވުނު، އެކަން އިތުރަށް ހަރުދަނާ ކުރެވިގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު ފެށި ކެމްޕޭނަކީ މުއައްސަސާތަކުގެ އެއްވެސް ފަންތިއެއްގައި ކޮރަޕްޝަންގެ އެއްވެސް މިންވަރެއް ތަހައްމަލު ނުކުރާނެ ކަން ޔަގީން ކުރެއްވުން ކަމަށެވެ. ނަޒާހަތްތެރި މުޖުތަމައުއެއް ގާއިމް ކުރުމަށް ކޮރަޕްޝަނާ ދެކޮޅު ކަންކަން ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ނުހައްގު މުއައްސަނދިކަން ކުށަކަށް ހެދުމަށް ބިލެއް މަޖިލީހަށް ފޮނުއްވާފައިވާކަމަށެވެ. މި ބިލުން ސަރުކާރުގެ އިދާރާއެއްގައި ހިނގާ ކޮރަޕްޝަނެއް ފަޅާއަރުވާލާ މީހާއަށް ގާނޫނީ ހިމާޔަތް ލިބިދެވޭނެއެވެ.