ޗައިނާ ސަރުކާރުން ބުނާ ގޮތުގައި އެއީ މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރުތަކެކެވެ. ނަމަވެސް އޭނާގެ ބައްޕަ އެތަނެއްގައި ބަންދުވެފައިވާ އައިބޯތާ ސެރީޗް ސިފަކުރާ ގޮތުގައި އެއީ ޖަލުތަކެކެވެ.
އައިބޯތާގެ ބައްޕަ، ކުދައިބައިގަން ސެރީޗްއަކީ ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގެ އިމާމެކެވެ. ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ކުދައިބައިގަން ހައްޔަރު ކުރީ 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން ބައްޕަގެ އެއްވެސް ޚަބަރެއް އައިބޯތާއަކަށް ނުލިބެއެވެ.
"ބައްޕަ ހައްޔަރުކުރަންވީ އެއްވެސް ސަބަބެއް އަހަރެންނަކަށް ނޭނގޭ. ޗައިނާގެ އެއްވެސް ގާނޫނަކާއި އެ ބައްޕަ ހިލާފެއް ނުވޭ. ބައްޕަގެ މައްޗަށް އެއްވެސް ކޯޓެއްގައިވެސް ސަރިޔަތެއް ހިންގާފައެއް ނުވޭ"، ކުދައިބައިގަންގެ ޕާސްޕޯޓް ސައިޒް ފޮޓޯއެއް ހިފައިގެން ފެންކަޅިވެފައި އިނދެ އައިބޯތާ ކިއާދިނެވެ.
އައިބޯތާއަކީ ޗައިނާގައި ދިރިއުޅޭ ކަޒަގިސްތާން ދަރިކޮޅުގެ މީހެކެވެ. މިކަމުގައި އައިބޯތާދަނީ، ކަޒަގިސްތާނުގެ ސަރުކާރުގެ އެހީ ހޯދުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އައިބޯތާ ފަދައިން މި ހާލުގައި ދިރިއުޅޭ އެތައް ބަޔަކު މިއަދު ޗައިނާގައި އެބަތިއްބެވެ.
ޗައިނާގައި މިވަގުތު ތިބި ކަޒަގިސްތާނު ނަސްލުގެ ގިނަ މީހުންގެ އާއިލާތައް ވަނީ، ކުރީގެ ސޯވިއެޓް ޔޫނިއަން ބައިވުމާއިއެކު އެނބުރި ކަޒަގިސްތާނަށް ހިޖުރަކޮށްފައެވެ. އަދި ޗައިނާގައި މަޑުކުރި މެމްބާރުންނާއި އެމީހުންގެ ގުޅުން މުޅިންހެން ކެނޑުނެވެ.
ނޫރުބުލާތު ތުރުސުންޔަން އޫލޫއަކީ 2016 ވަނަ އަހަރު ކަޒަގިސްތާނަށް ހިޖުރަކުރި މީހެކެވެ. ނަމަވެސް ކަޒަގިސްތާނުން ޕާސްޕޯޓް ހިފެހެއްޓުމުން، އޭނާގެ މައިންބަފައިންނަށް ޗައިނާއިން ފުރޭ ގޮތް ނުވެ، ޗައިނާގައި ބަންދުވިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހިއުމަން ރައިޓްސް ވޮޗްއިން ބުނާ ގޮތުގައި ޗައިނާގައި ހައްޔަރުކޮށްފައި ތިބި ގިނަ މީހުންނަކީ ގާނޫނީ އިމުގެ ތެރެއިން، އިޖުރާއަތްތައް ފުރިހަމަ ކުރުމަކާއި ނުލާ ހައްޔަރުކޮށްފައިތިބި މީހުންނެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ އިތުރުން އާއިލާގެ މެމްބަރަކާއިވެސް ގުޅާލުމުގެ ފުރުސަތު އެ ގައިދީންނަށް ދީފައެއް ނުވެއެވެ.
އޮރީންބޭ ކޯކްސްބޭޗްއަކީ ޗައިނާގެ ކޭމްޕެއްގައި ބަންދުވި މީހެކެވެ.
"އެއީ ޖަހައްނަމް. އެތާނގައި އަހަރެން ބައިންދާފައި އިނީ އަތުގައި ބިޑި އަޅުވާފައި. ފައިވެސް އޮތީ އައްސާފައި. އެމީހުން އަހަރެން ވަޅުގަނޑަކަށް އެއްލާލި. އެވަގުތު އަހަރެން ދެއަތް އުފުލާ، މަތި ބަލާލިން. އެވަގުތު އެމީހުން އަހަރެންގެ ގަޔަށް ފެން އެއްޗެއް އޮއްސާލި. އަހަރެންނަށް ހަޅޭއްލަވަން ފެށުނު"، ޗައިނާއިން ބުނާ 'ތަމްރީނު މަރުކަޒު'ގައި ކަން ހިނގާ ދިޔަ ގޮތް އޮރީންބޭ ކިއާދިނެވެ.
އޮރީންބޭ އިތުރަށް ކިއާދިން ގޮތުގައި ދެން ވީ ގޮތެއް އޭނާ ހަނދާނެއް ނެތެވެ. އެވަޅުގަނޑު ތެރޭގައި އޭނާ އޮތީ ކިހާ ދުވަހެއް ވަންދެން ކަންވެސް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އެއީ ފިނިމޫސުމުގެ ގަދަ ފިނީގެ ދުވަސްވަރުކަން އޭނާ ރަނގަޅަށް ހަނދާން ހުރެއެވެ.
"އެމީހުން (ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން) ބުނީ އަހަރެންނަކީ ގައްދާރެކޭ. އަހަރެންނަކީ ދެގައުމުގައި ރަށްވެހިކަން އޮންނަ މީހެކޭ. އަހަރެންނަކީ ދަރަނިވެރިއެކޭ. އަހަރެންގެ ބިމެއް އޮވެއޭ"، ކޭމްޕުގެ ތަޖުރިބާތައް ހިއްސާކުރަމުން އޮރީންބޭ ކިއާދިނެވެ.
އެގޮތުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެހެން ކޭމްޕަކަށް އޮރީންބޭ ބަދަލު ކުރެވުނެވެ. އަދި ޗައިނާ ބަސް ދަސްކުރުމަށް އޭނާއަށް މަޖުބޫރުކުރުވިއެވެ. ޗައިނާގެ ސަރުކާރުން ބުނާ ރީއެޑިއުކޭޝަން ކޭމްޕުތަކަކީ މިއީ ތާއެވެ. އެހެންވީއިރު އަތުގައި ބިޑި އަޅުވައިގެން ގެންގުޅެންވީ ކީއްވެތޯ އޮރީންބޭ އަދިވެސް ސުވާލު އުފައްދައެވެ.
އޮރީންބޭ ގަބޫލުކުރާ ގޮތުގައި އޮރީންބޭ ފަދަ މީހުން ޝިކާރައަކަށް ވަނީ މުސްލިމުން ކަމުގައިވީތިއެވެ. އޮރީންބޭ ބުނާ ގޮތުގައި ޗައިނާއިން ބޭނުންވަނީ ޗައިނާ ދަރިކޮޅު ނޫން ބައެއްގެ ވަސްވެސް އެ ގައުމުން ފޮހުލުމަށެވެ.
ޗައިނާގައި ދިރިއުޅޭ އެކި ނަސްލުތަކެއް އެތައް ބަޔަކު މިވަގުތުވެސް ތިބީ އެބުނާ ކޭމްޕުތަކެއްގައެވެ. ކަޒަގް ދަރިކޮޅާއި، ތުރުކީ ދަރިކޮޅުގެ ވީގުރުންގެ މިލިއަނަކަށް ވުރެ ގިނަ މީހުން ޗައިނާގެ ޝީންޖިއާންގައި ގައިދީންގެ ގޮތުގައި ދިރިއުޅެމުންދާއިރު، އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި އަދި ކާމިޔާބު މަސައްކަތެއް ނުކުރެވެއެވެ.