އަނެއްކާވެސް އިތުރު މުއްދަތަކަށް އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް ނުގެނެސް ސަލާމަތްވެއްޖެއެވެ.

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް ނުގެނެސް ސަލާމަތްވެފައި މިވަނީ، އެމެރިކާގެ ސަރަހައްދީ އިމުގެ ސަލާމަތްތެރިކަމުގެ މައްސަލާގައި އިދިކޮޅު ޑިމޮކްރަޓުންނާއި ވެރިކަން ކުރާ ރިޕަބްލިކަންސްއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެމްބަރުން އެއްގަލަކަށް އަރާ ވަޑައިގަތުމާއިއެކުގައެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެއްގަލަކަށް އަރާވަޑައިގެންފައި މިވަނީ އަންގާރަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.

މި އެއްބަސްވުން އެކުލަވާލެވިފައިވަނީ އިތުރު ބަޔަކަށް ނުވަދެވޭ ގޮތަށް ހަމައެކަނި މަޖިލީސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ސިއްރު ބައްދަލުވުންތަކެއްގައި ކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

މި އެއްބަސްވުން އާންމުކޮށްފައި ނުވާއިރު، މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބަލައިގަންނަވާނެ އެއްބަސްވުމެއް ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމާއި މާ ދުރުނޫން ހިސާބެއްގައި އޮންނަ ޓެކްސަސްގައި ކުރިއަށްދާ ސިޔާސީ ރެލީއެއްގައި ޓްރަމްޕް ތަގުރީރު ކުރައްވަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ތާރީހުގައިވެސް އެގައުމުގެ ސަރުކާރު ހުއްޓުމަކަށް ގެނައި އެންމެ މުއްދަތަށް ސަރުކާރުގެ ބައެއް ހިދުމަތްތައް، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 35 ދުވަހަށް ހުއްޓާލަން މަޖުބޫރުވީ، އެމެރިކާއާއި މެކްސިކޯ ހިއްސާކުރާ ސަރަހައްދީ އިމުގައި ފާރެއް ބިނާ ކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ގާނޫނު ހަދާ މަޖިލީހުން ދެކޮޅު ހެދުމާއިއެކު، އެ ބަޖެޓާއި ނުލާ އެމެރިކާގެ ދައުލަތުގެ ބަޖެޓް ފާސްކޮށްދެއްވުމަށް ޓްރަމްޕް އިންކާރު ކުރެއްވުމުން، އެމެރިކަގެ ދައުލަތް ހިންގުމަށް ބޭނުންވާ ފައިސާ ހުސްވެގެންނެވެ.

އެމެރިކާގެ ދައުލަތުން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް މިވަގުތު ފޯރުކޮށްދެމުންދަނީ ވަގުތީކޮށް ކަމަށްވާއިރު، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެއްބަސްވުމެއް އެކުލަވާ ނުލެވިއްޖެނަމަ، އެމެރިކާގެ ސަރުކާރު އަނެއްކާވެސް ހުއްޓުމަކަށް އަންނާނެއެވެ.