ބިދޭސީންގެ މައްސަލަތައް ބޮޑުވެފައި ވަނިކޮށް، ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ ކަންކަން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލަޕްމަންޓްގެ ދަށަށް ބަދަލުކޮށްފިއެވެ.

އިމިގްރޭޝަންގެ ދަށުން ކުރަމުން ގެންދިޔަ ރާއްޖެއަށް ބިދޭސީއިން އެތެރެ ކުރުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ ލޭބަ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ވަނީ އިމިގްރޭޝަނުން ދެމުން އަންނަ ބައެއް ހިދުމަތްތައް އަންނަ މާޗް މަހުގެ ތެރޭގައި އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ. އިކޮނަމިކް މިނިސްޓްރީން ބުނީ ބިދޭސީ މަސައްކަތްތަތެރިންގެ ކަންތައްތަކާއި ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެފަދަ ގޮތަކަށް، ހުއްދަ ދިނުމުގެ މަސައްކަތްތައް އެ މިނިސްޓްރީއަށް ބަދަލުކުރުމަށް ކުރުންޖެހޭ އެންމެހާ މަސައްކަތްތައް ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ކަންކަން؛

  • ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމުގެ މަސައްކަތްތައް
  • ކޯޓާ ހަމަޖައްސައިދުން
  • އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން
  • ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން

އިކޮނަމިކް މިނިސްޓްރީގެ ދަށަށް ބިދޭސީންގެ ކަންކަން ބަދަލުކުރަން ނިންމާފައިވާއިރު، ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. އަދި މިކަން ހައްލުކުރުމަށް ބޮޑު އޮޕަރޭޝަނެއް ފެށުމަށް ވެސް އިމިގްރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.