އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމެވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރަނގަޅު ޕާޓީއެއް، ލީޑަރެއް އަދި މީހަކު ހަރަކާތްތެރި ނުވާތީ ކަމަށް އެމްޑީޕީގެ ފައުންޑާ މެންބަރު އަހުމަދު މޫސާ ޝަފީގު (ޑީއޯ ސައްޕެ) ވިދާޅުވެއްޖެއެވެ.
"ދަޕްރެސް" އާ ވާހަކަދައްކަވަމުން ސައްޕެ ވިދާޅުވީ "ދަރުމަވަންތަ ޕާޓީ" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ، އެމްޑީޕީ ވުޖޫދަށް ގެނައި މަގްސަދު ފުރިހަމަ ނުވާތީ ކަމަށެވެ. އަދި އެމްޑީޕީ އުފެއްދީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި، ނަމަވެސް އެކަން އެމްޑީޕީން ނުފެންނަ އިރު، ރާއްޖޭގައި ސިޔާސީ ޕާޓީއެކޭ ބުނެވޭނެ ވަރުގެ ޕާޓީއެއް ނެތުމުން ކަމަށެވެ.
ސައްޕެ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވަނީ އޭނާ އަކީ ރައްޔިތުންގެ ބެލެނިވެރިއެއް ކަމަށާއި، ކުރިންވެސް މަސައްކަތް ކުރައްވާފައި ވާނީ ރައްޔިތުންގެ ފާއިދާއަށް ކަމަށެވެ. އަދި އާ ޕާޓީއެއް އުފައްދަވަން ނިންމެވީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައްޕެ ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަދި ސައްޕެ އިސްވެ ހުންނަވައިގެން އުފެއްދެވި އެމްޑީޕީއަށް ވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ސައްޕެ ވިދާޅުވީ އަލުން ވެރިކަން ލިބުނު ހިސާބުން އެމްޑީޕީގެ އުސޫލުތަކާއި ވިސްނުން ބަދަލުވެފައިވާ ކަމަށެވެ.
"ހަރުމުދާގަނޑެއް ފަދައިން [އެމްޑީޕީ] މަގާމުތައް ވެސް ބެހީ. ހަމަ ތަނަކުން މީހަކު ގެނެސް ބުނެފާނެ ޑެޕިއުޓީ ލީޑަރޭ ވެސް. އެއްވެސް ކަހަލަ ހަމައެއް ނޯވޭ. އެކެއްގެ ފަހަތުގައި މުޅި ޕާޓީ އޮންނަނީ" ސައްޕެ ވިދާޅުވިއެވެ.
އާ ޕާޓީގެ ކުރިމަގާއި ގުޅޭގޮތުން ސައްޕެ ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ޕާޓީގެ އުފެއްދެވުމުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ. އަދި ޕާޓީން އަމާޒު ހިފާނީ 2023 ގައި ވެރިކަމަށް އައުމަށް ކަމަށާއި، މުއްސަނދިންގެ ނުފޫޒާއި ކޮރަޕްޝަނުން ސަލާމަތްވެ ޕާޓީއެއް ހިންގާނެ ގޮތުގެ ރީތި މިސާލު އެ ޕާޓިން ދައްކާނެ ކަމަށް ވެސް ސައްޕެ ވިދާޅުވިއެވެ.