ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ދިރާގަށް ލިބުނު 905 މިލިއަން ރުފިޔާ އެ ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ނިންމައިފިއެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2018 ވަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމާފައި ވަނީ 905 މިލިއަން ރުފިޔާ ކަމަށާއި އެއީ ކުންފުނީގެ ސާފު ފައިދާގެ 100 އިންސައްތަ ކަމަށެވެ. އަދި ކޮންމެ ހިއްސާ އަކަށް 11.91 ރުފިޔާ ބަހަން ކުރިއަށް އޮތް އަހަރީ ޖަލްސާގައި ހުށަހަޅާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުން މީގެ ކުރިން ވަނީ މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.96 ރުފިޔާގެ ރޭޓުން 452.9 މިލިއަން ރުފިޔާ ބަހާފައެވެ. އަދި ފަހު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.95 ރުފިޔާގެ ރޭޓުން ޖުމްލަ 452.2 މިލިއަން ރުފިޔާ ބެހުމަށް އަންނަ އަހަރީ އާންމު ޖަލްސާގައި ހުށަހަޅާނެއެވެ. އެއާއެކު ހިއްސާދާރަކަށް މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 11.91 ރުފިޔާ ޖެހޭނެއެވެ.