ތައްޔާރީ ބުއިންތަކުގެ ތެރެއިން ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ އެންމެ ޒަމާންވީ ބްރޭންޑް ކޮކާ ކޯލާގެ މުޅިން ތަފާތު ފްލޭވާއެއް މިމަހުގެ ތެރޭގައި ބާޒާރަށް ނެރޭނެކަމަށް ކޮކާ ކޯލާ ކުންފުނިން ބުނެފިއެވެ.

އޮރެންޖް ވެނިލާ ކޯކްއާއި އޮރެންޖް ވެނީލާ ކޯކް ޒީރޯގެ ނަމުގައި ބާޒާރަށް ނެރޭ މި ފްލޭވާތަކުގެ ކޯކު ބުއިންތަކަކީ، ކޯކާ ކޯލާ ބްރޭންޑްގެ ޓްރޭޑްމާކްގެ ދަށުން، ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބާޒާރަށް ނެރޭ އެންމެ ފުރަތަމަ ފްލޭވާއެވެ.

ކޮކާ ކޯލާ ކުންފުނީގެ ބްރޭންޑް ޑައިރެކްޓާ ކޭޓް ކާޕެންޓާ ބުނީ 2016 ވަނަ އަހަރު އެއް ބްރޭންޑެއްގެ ދަށަށް ކޮކާ ކޯލާގެ ހުރިހާ އުފެއްދުންތަކެއް ގެނެސް، 2017 ވަނަ އަހަރު ކޮކާ ކޯލާ ޒީރޯ ޝުގާ ރީލޯންޗްކުރި ފަހުން މިއަދާ ހަމައަށް އައިރު ކޮކާ ކޯލާގެ ޕޯޓްފޯލިއޯ ފެންނަނީ ވަރަށް އުޖަލާކޮށް ކަމަށެވެ. އެގޮތުން 1985 ވަނަ އަހަރުން ފެށިގެން ލިބެން ހުންނަ ޗެރީ ކޯކްއާއި 2007 ވަނަ އަހަރު ތައާރަފުކުރި ވެނީލާ ކޯކްއާއި މި ފްލޭވާތަކުގެ ޒީރޯ ކެލަރީ ބުއިންތައް ބާޒާރުގައި ވިކެމުންދަނީ މާކެޓް ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރަނީސް ކަން ވެސް ކާޕެންޓާ ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް، ކޯކު ބޯ މީހުންގެ ތެރެއިން އެކި ފްލޭވާ ނުނީ ރަހަތަކުގެ ކޯކު ހިޔާރު ކުރަނީ އެންމެ 12 އިންސައްތަ މީހުން ކަމަށާއި، މިކަމުން ދޭހަކޮށްދިނީ ކޮކާ ކޯލާގެ ފޭނުން އެހެން ފްލޭވާތަކަކަށް ބޭނުންވެފައިވާ މިންވަރު ކަން ކަމަށްވެސް ކާޕެންޓާވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ކޮކާ ކޯލާގެ އަސްލު ރަހަ ގެއްލުވާ ނުލާ، އާ ފްލޭވާއެއް ގެނެސްދިނުމުގެ ފުރުސަތު އޮތްކަން އެ ކުންފުންޏަށް އެނގުނު ކަމަށާއި، އެހާ ހިސާބުން އާ އުފެއްދުމެއްގެ މަސައްކަތް ފެށުނު ކަމަށްވެއެވެ.

އެއަށްފަހު އާ ރަހަތަކާ ބެހޭ ގޮތުން ކުންފުނީގެ ފޯކަސް ގުރޫޕެއް އެކުލަވާލާ، މައިގަނޑު ތިން ފްލޭވާއެއް ތަހުލީލު ކުރެވުނު ކަމަށާއި އޭގެ ތެރޭގައި ރާސްބެރީއާއި، ލުނބޯ އަދި އިނގިރުވެސް ހިމެނުނު ކަމަށް ކޮކާ ކޯލާ ކުންފުނިން ބުނެއެވެ. އޮރެންޖް ވެނީލާގެ ހިޔާލު އައީ އަދި މާ ފަހުން ކަމަށާއި، އާންމުންގެ ބައެއް މީހުންނަށް މިހާތަނަށް ރަހަ ދައްކާފައިވާ މި ފްލޭވާގެ މަގުބޫލުކަން ވަރަށް ބޮޑު ކަމަށްވެސް ކޮކާ ކޯލާ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ދަޅާއި ޕެޓްފުޅީގައިވެސް ލިބެން ހުންނަ އޮރެންޖް ވެނީލާ ކޯކްއާއި އޮރެންޖް ވެނީލާ ކޯކް ޒީރޯ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.