އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ މާޗު 22 ވަނަ ދުވަހު އަންހެނުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ވާދަވެރި ދުވުމެއް ބާއްވަން އަމިއްލަ ކުންފުންޏެއް ކަމަށްވާ އެންރޭންޖުން ތައްޔާރުވެއްޖެއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި "މޯލްޑިވްސް ވިމެންސް ރަން" ގެ ނަމުގައި މި ދުވުން އިފްތިތާހުކޮށްދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ޓައިތަލް ސްޕޮންސާކޮށްފައިވާ މި ރޭހަކީ ފަސް ކިލޯމީޓަރަށް ދުވަން ޖެހޭ ރޭހެކެވެ. މި ރޭހުގައި ހަ އަހރާއި 13 އަހަރާ ދެމެދުގެ ކެޓަގަރީންނާއި 13 އަހަރުން މަތީގެ ކެޓަގަރީއިން އެންމެ ބާރަށް ދުވާ ފަސް ދުވުންތެރިންނަށް ފައިސާގެ އިންާމު ދެވޭނެ ކަމަށް އެންރޭންޖުން ބުނެއެވެ. އަދި އެ ދެކެޓަގަރީން ހޮވާލެވޭ ޖުމްލަ 10 ދުވުންތެރިންނަށް ދުބާއީގައި އޮންނަ ވިމެންސް މެރަތަންގައި ރަޖިސްޓްރީކޮށްދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހެރިޓޭޖްގެ މިނިސްޓާ ޔުމްނާ މައުމޫން / ފޮޓޯ: މޯލްޑިވްސް ވިމެންސް ރަން

މި ރޭހުގައި ބައިވެރިވެވޭނީ 100ރ. ގެ ރަޖިސްޓްރޭޝަން ފީ އެއް ދައްކައިގެންނެވެ. ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ވިމެންސް ރަންގެ ވެބްސައިޓުގައި ހުޅުވާލާފައިވާއިރު ފައިސާ ދެއްކުމާއި ޓީޝާޓް ނެގުން އޮންނާނީ ރޭހުގެ ދެ ދުވަސް ކުރިން ބާއްވާ އެކްސްޕޯގައި ކަމަށް އެންރޭންގުން ބުނެއެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ރޭސް ބޭއްވުމަށް ވަނީ ރާވާފައެވެ.