ދުނިޔޭގެ އެއްވަނަ ދަރަޖައިގެ ލިޔުންތެރިންގެ ތެރޭގައި ގުނާލެވޭ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓީވަން ކިންގްގެ އެންމެ ފަހުގެ ފޮތް ހާއްސަކުރެވިފައިވަނީ، ލާއިންސާނީ މަރުކަޒެއްގައި ދިރިއުޅެމުންދާ، އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ކުދިބައެއްގެ މައްޗަށް ކަމަށް ޚަބަރު ލިބިއްޖެއެވެ.

ބިރުވެރި ވާހަކަ ލިޔުމުގެ އިތުރުން ސްޕީޑް ރައިޓަރެއްގެ ގޮތުގައި އަދީބުންގެ ދުނިޔޭގައި ސިފަކުރަމުން އަންނަ ސްޓީވަން ކިންގްގެ މި ފޮތް، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލިބޭވަރު ވާނެ ކަމަށް ބެލެވޭއިރު، މި ފޮތަކީ އޭނާ އެންމެ ފަހުން ރިލީޒް ކުރި ވާހަކައަށްވުރެ މާ ބިރުވެރި އަދި މާ ބޯ ވާހަކަ ފޮތަކަށް ވެގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

"ދި އިންސްޓިޓިއުޓް"ގެ ނަން ދީފައިވާ މި ވާހަކަ ފޮތް ބިނާކޮށްފައި އޮންނަނީ މަރުކަޒެއްގައި ތިބޭ، އާދަޔާ ހިލާފު ކުދިބަޔަކު، އެ މަރުކަޒުން ހިންގާ ތަހުލީލުތަކަކަށް އެއްބާރުލުން ނުދީފިނަމަ އެ ކުދިންނަށް ކުރާ އަނިޔާއާއި ދޭ އަދަބުގެ މައްޗަށެވެ. މި ކުދިން މަރުކަޒަށް ގެނެވެނީ އެކުދިންގެ ގޭގައި ތިއްބާ، ދަންވަރުގެ ވަގުތުތަކުގައި ކަމަށާއި، އެތަނަށް ދިއުން ނޫން ގޮތެއްވެސް އެކުދިންނަށް ނޯންކަމަށްވެއެވެ.

މި ކޮންސެޕްޓަށް ތައްޔާރުކުރަމުން އަންނަ ވާހަކަތަކަކީ މި ދުވަސްވަރު އާންމު ވާހަކަތަކެކެވެ. އެގޮތުން އެވޯޑް ހާސިލުކޮށްފައިވާ މުސައްނިފު ކޯލްސަން ވައިޓްހެޑްގެ އެންމެ ފަހުގެ ފޮތް "ދަ ނިކްލް ބޯއީޒް" ވެސް ހާއްސަކޮށްފައި އޮންނަނީ މިފަދަ ހަގީގީ ހާދިސާތަކެއްގެ މައްޗަށްކަން ފާހަގަކުރެވެއެވެ.

ސްޓީވަން ކިންގްގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ގިނަ އަދަދެއްގެ ފިލްމުތަކެއްވެސް އުފައްދަމުން އަންނައިރު، 1983 ވަނަ އަހަރުގެ ވާހަކަ "ޕެޓް ސިމެޓްރީ"ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމް، މިއަހަރު ތެރޭގައި ސްކްރީންތަކަށް އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.