ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރަން ނިންމުމަށްފަހު، ކޯލިޝަންގައި ހިމެނޭ އެންމެ ކުޑަ ޕާޓީ އަދާލަތާއެކު މަޖިލިސް ގޮނޑިތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފިއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި މި މަޝްވަރާގައި، އެމްޑީީޕީގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ވެސް ތިއްބެވި އެވެ. އަދާލަތު ޕާޓީގެ ފަރާތުން އިސްކޮށް ހުނެނެވީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. މީގެ އިތުރުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ ދެ ބޭފުޅުން ކަމަށްވާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނޫމާން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތަފްސީލެއް މީޑިއާއަށް ހާމަކޮށްފައި ނުވި ނަމަވެސް، މި ބައްދަލުވުމުގައި އަންނަ އެޕްރީލް ހައެއްގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ގޮނޑިތަކާއި ގުޅޭގޮތުން ދެ ޕާޓީން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަން ވަނީ އެނގިފައެވެ.

މިއީ އެމްޑީޕީން މަޖިލީހުގެ 86 ދާއިރާއަށް ވާދަކުރުމަށް ނިންމާ، ޕާޓީގެ ޓިކެޓް ކެންޑިޑޭޓުންނާއި ހަވާލުކުރި ފަހުން އަދި ރިޔާސީ އިންތިހާބުގެ ފަހުންވެސް، އެމްޑީޕީން ކޯލިޝަންގެ އެެހެން ޕާޓީއަކާއެކު މަޖިލިސް އިންތިހާބާއި ގުޅިގެން މަޝްވަރާ ކުރި ފުރަތަމަ ފަހަރެވެ. އެމްޑީޕީން 86 ދާއިރާއަށް ވާދަކުރަން ނިންމި ނަމަވެސް، ކޯލިޝަން އެއްބަސްވުމެއް އޮތްކަމަށް ބުނެ އަދާލަތުން ނިންމާފައިވަނީ 13 ދާއިރާއަކަށް ވާދަކުރުމަށެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނަމުން އަންނަނީ މަޖިލިސް އިންތިހާބުގައި ވާދަކުރާނެގޮތުގެ އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށެވެ. އަދި މަޖިލީހަށް ކުރިމަތިލާނީ އެ އެއްބަސްވުމާ އެއްގޮތަށް ކަމަށް ޕާޓީތަކުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ކޯލިޝަންތެރޭގައި ދެބަސްވުންތައް އުފެދިފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހުރިހާ ޕާޓީތަކާއެކު ހަދާފައިިވާ މަޖިލިސް އިންތިހާބަށް ވާދަކުރާނެ ގޮތުގެ އެއްބަސްވުމެއް ނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދާލަތު އަދި ޖުމްހޫރީ ޕާޓީއާއެކު އެއްބަސްވުމެއް އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕާޓީތަކުން ބުނާ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީ އަށް 35 ދާއިރާ ލިބެއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 22، އަދާލަތު ޕާޓީއަށް 13 އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް 17 ދާއިރާ ލިބެއެވެ.