މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އަށް އަހަރަށް ޖަލަށް ލައިފައިވާ އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި އެވެ. އޭނާ ގޭބަންދަށް ބަދަލު ކުރީ މިއަދުއެވެ.

ޒިޔަތަކީ ރާއްޖެގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ހިންގި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީއެވެ. އޭނާގެ މައްޗަށް އަށް އަހަރު ދުވަހުގެ ހުކުމެއް ކޮށްފައިވާ އިރު އިތުރު 33 ދައުވާއެއް ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ޖުމްލަ 90 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ވަނީ ޖަލަށްލައިފައެވެ. އަދީބުގެ މައްޗަށް އެމްއެމްޕީއާރްސީގެ މައްސަލަ ހިމެނޭ ގޮތަށް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމް އިއްވާފައިވެއެވެ. އޭގެ ތެރޭގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި، ކޮރަޕްޝަނުގެ މައްސަލަތައް ހިމެނެއެވެ. އަދި އެމްއެމްޕީއާރުސީ މައްސަލައިގައި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ވެސް ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް އޭނާ މިހާރު ވަނީ މިނިވަން ވެފައެވެ.