އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 148 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫ މޯލްޑިވްސް އިން ނެރެފައިވާ 2018 ވަނަ އަހަރުގެ ފަހު ކުއާޓާގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުއާޓާގައި 148 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އެ އަހަރުގެ ތިންވަނަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި ލިބުނު 115 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28 އިންސައްތަ އިތުރުވުމެކެވެ.

އާމްދަނީގެ ގޮތުގައި ފަހު ކުއާޓާގައި އެ ކުންފުންޏަށް ލިބިފައި ވަނީ ޖުމްލަ 481 މިލިއަން ރުފިޔާ އަދި ޓެކުހަށް ކެނޑުމަށްފަހު 175 މިލިއަން ރުފިޔާއެވެ. ތިންވަނަ ކުއާޓާއާ އަޅާ ބަލާއިރު އެ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ޖުމްލަ 483 މިލިއަން ރުފިޔާ އަދި ޓެކުހަށް ކެނޑުމަށްފަހު 138 މިލިއަން ރުފިޔާއެވެ.