މި އަހަރުގެ ތެރޭގައި އަލަށް ހުޅުވާ 20 ރިސޯޓާއެކު، ޓޫރިސްޓް އެނދުގެ އަދަދު 47,000 އަށްވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން ވާހަކަ ފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މުޅި އިގްތިސާދުގެ 70 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށާއި މިދިޔަ އަހަރު ނިމުނުއިރު، ތަފާތު މަންޒިލްތަކުން ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށާއި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރި 145 ރިސޯޓާއި، 521 ގެސްޓްހައުސްގައި، 44,860 އެނދު ހުރި ކަމަށެވެ.

އެ ރިސޯޓްތަކުގެ ހިދުމަތް ފެށިގެންދާއިރު، ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާފައި ވެއެވެ. އޭގެ އިތުން ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މިވަނީ އަމާޒު ހިފާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް، ހާއްސަ ސިފަތަކެއް ލިބިގެންވާ ނާދިރު އަތޮޅެއް ކަމަށާއި އެކަންކަމަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކޮށް، ރާއްޖޭގެ އެކި ސަރަހައްދުތައް، ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި، ތަރައްގީކޮށް މާކެޓުކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެކަމަށްވެސް ރައީށް ވިދާޅުވިއެވެ. އެހެންވެއްޖެ ނަމަ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ދިރުމެއް އަންނާނެ ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދުގެ ރޫފަ ހެޔޮކުރުމަށާއި، ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފެންވަރު މަތިކޮށް، ޖާގަ ތަނަވަސްކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިހާރު އެ އެއާޕޯޓް ބޭނުންކުރާ ފަތުރުވެރިންނާއި ދަތުރުވެރިންގެ އަދަދުވަނީ، އެތަނުގެ ޖާގައަށްވުރެ ދެގުނަ އިތުރުވެފައި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮންމެ އަހަރަކު އެތައް ރިސޯޓަކާއި، އެތައް ގެސްޓްހައުސްއެއް އިތުރުވަމުން އަންނައިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް، އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީ ނުވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"އެއާޕޯޓުގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވިޔަސް، އައު ޓަރމިނަލް ހަދައިގެން ނޫނީ، އެ ރަންވޭގެ ބޭނުން އެންމެ އެކަށޭނަ ގޮތެއްގައި ހިފޭކަށް ނެތް. އެހެންކަމުން، އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން" ރައީސް ވިދާޅުވިއެވެ.