ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ހިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، ކަމާބެހޭ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް ދައުލަތުގެ ނެތޭ ދެންނެވިދާނެ ކަމަށެވެ. އަދި ފަސާދައާއި ހިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ގައުމުގައި ނެތް ކަމަށާއި، އެ ހާލަތަށް ގައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ގާނޫނުތަކާއި ގަވާއިިދުތައް ހުރި ކަމަށާއި، އެފަދަ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރާނެ އިދާރާތައްވެސް އާންމު އުސޫލުން ހިނގަމުން ދިޔަ ކަމަށެވެ.

"ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ހިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން. ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުންކުރިއިރު، އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވާލެއްވި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހޯދިފައިވާ ކަމަށެވެ. އަދި ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަހުގީގުތައް ފަށާފައިވާއިރު، ބޭރު ގައުމުތަކުގެ އިދާރާތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ.

"ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ ހުރިހާ މައްސަލައެއްގެ ހަގީގަތާ ހަމައަށް ވާސިލުވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތްތައް ހޯދާ ކޮމިޝަންގެ މަސައްކަތް މިހާރު މިސްރާބު ކުރެވިފައި ހުރީ، ފޮޓޯތަކުންނާއި ވީޑިއޯތަކުންނާއި، އެހެނިހެން ގޮތްގޮތުން މިހާތަނަށް ލިބިފައިވާ ހެކިތައް، ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންނާއި، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިރާސާކޮށް، މައުނަވީ ނަތީޖާއަކާ ހަމައަށް ދިޔުމަށް ކަމަށެވެ.